ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން އެމްޑީޕީގެ 8 މެންބަރުންނަށް ދައުވާ ކޮށްފިއެވެ.
ޕީޖީން އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ 3 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ހިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ.
މި މައްސަލައިގައި ދައުވާކޮށްފައި ވަނީ؛
- އަބްދުއްސަލާމް
- މުހައްމަދު ހަމާއިރު އަބްދުލްގަނީ
- އަލީ ނައުފަލް
- މައުރޫފް ޒާކިރު
- ޢާއިޝަތު ނަޖުދާ ޢަލީ
- އަލީ މުއައްވަޒު
- ފާތިމަތު ޒަހިއްޔާ
- ހުސައިން ރަޝީދު
ޕީޖީ އޮފީހުން ބުނީ އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ކަމަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ. ޕީޖީން ބުނީ، އެމީހުންގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅި މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލާގައި އިތުރު 7 މީހަކަށް ތުހުމަތުކުރެވުނު ނަމަވެސް އެ މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައި ނުވާތީއާއި، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު ނެތުމުން އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ޕީޖީން ބުނެއެވެ.
ޕީޖީން ބުނީ، މުޒާހަރާއާ ގުޅުންހުރި މައްސަލަތަކުގައި ދައުވާކުރުމުގައި އެއޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ޙާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ، ދަޢުވާކުރުމުގެ ޢާންމު މަޞްލަޙަތު އޮތްކަމަށް ބަލައި ދަޢުވާ ކުރުން ކަމަށެވެ.
އެމްޑީޕީން މިއަދު ބުނެފައި ވަނީ އެ މެންބަރުންނަށް ދައުވާ ކުރަނީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމްއާ ދެކޮޅަށް އެ ޕާޓީން ބާއްވާ މުޒާހަރާގެ ބައިވެރިން މަދުކުރަން ހިންގާ ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ.

