logo

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދިން ގޮތުގައި، މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައެވެ. މާލެ ސިޓީގައި ގުރުއަތު ނެގުން އޮންނާނީ މާފަންނުގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު އިމާރާތް) ގައެވެ.

އެހެނިހެން ރަށްތަކުގައި މި ހަރަކާތް ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ވަކި ތަނެއްގައެވެ.

ގުރުއަތު ނެގުމުގެ އުސޫލުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާލް ސަޢީދު ވިދާޅުވީ، ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ގުރުއަތު ނެގުމަށް އަންނަ ނަމަ، ކެންޑިޑޭޓުގެ ސިޓީއަކާއެކު އަންނަންވާނެ ކަމަށެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް ޖުމްލަ 2,994 ކެންޑިޑޭޓުން ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާ 1,210 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެއެވެ. ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް މާދަމާ ހެނދުނު 10:00 އާ ހަމައަށް އެ ފުރުޞަތު އޮންނާނެ ކަމަށާއި، ގުރުއަތު ނެގުމަށްފަހު އެ ފުރުޞަތު ބަންދުވާނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މިފަހަރުގެ އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ. ހަމައެހެންމެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.

ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަންއިން ރަސްމީކޮށް އިޢުލާނު ކުރާނީ ހޮނިހިރު ދުވަހުކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ad