"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންވެސް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.
އެމްޓީސީސީން ފުރަތަަމަ މި އެޕް ތަޢާރަފް ކޮށްފައިވަނީ އެޕަލްގެ އެޕްސްޓޯރުގައި އައިއޯއެސް އެޕަލް ބްރޭންޑުގެ ފޯނުތަކަށް އެކަންޏެވެ. ނަމަވެސް މިހާރު އެންޑްރޮއިޑް ފޯނު ގެންގުޅޭ ރައްޔިތުންނަށް ވެސް މިޚިދުމަތް ހޯދޭނެ އެވެ.
މާލެ ޓެކްސީގެ ހިދުމަތް ހޯދާ ފާރަތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ތައްޔާރުކުރި ހާއްސަ މޯބައިލް އެޕްލިކޭޝަން " މާލެ ޓެކްސީ" އިފްތިތާހުކޮށް ބޭނުންކުރަންފެށީ މި މަހުގެ ދެ ވަނަ ދުވަހުންފެށިގެންނެވެ.
އެމްޓީސީސީން ބުނީ، މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތަކަށް ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އަދި ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެޕްލިކޭޝަންގައިވާ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، "ސްކޭން އެންޑް ޕޭ" ގެ ހިދުމަތްވެސް ބޭނުންކުރެވޭނެއެވެ. އަދި ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްސީލުވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ.
މީގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗާ" އެއްވެސް މި އެޕްލިކޭޝަންގައި ހިމަނާފައިވެއެވެ. އެމްޓީސީސީން ބުނީ، މި އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އެމްޓީސީސީން އިތުރަށް ބުނީ، މޯބައިލް އެޕްލިކޭޝަން ތަޢާރަފުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށާއި "މާލެ ޓެކްސީ" ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލެވިފައިވާނެކަމަށެވެ.
މި ހިދުމަތުގައި ބޭނުންކުރަނީ ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ ބޭނުމަކީ ރައްކާތެރި، އިތުބާރު ހުރި އަދި ތިމާވެށްޓަށް ގެއްލުން ކުޑަ ދަތުރުފަތުރުގެ ނިޒާމެއް މާލެ ސަރަހައްދުގައި ގާއިމުކުރުމެވެ.
