logo

އަސާސީ ތަކެތީގެ އަގުތައް އަތްފޯރާ ފަށުގައި ބެހެއްޓުމަށް ސަރުކާރުން  ދަނީ މަސައްކަތްތަކެއް ކުރަމުން: އިގްތިސާދީ ވުޒާރާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކާއި ކާބޯތަކެތީގެ ބޭނުންތަކަށް ބޮޑު ބަދަލެއް އަންނަ މަހަކަށް ވުމާއެކު، އެ ދުވަސްވަރު އަސާސީ ތަކެތީގެ އަގުތައް އަތްފޯރާ ފަށުގައި ބެހެއްޓުމަށް ސަރުކާރުން އިސްކަންދީގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިގްތިސާދީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން ދަނީ ބާޒާރުގައި ލިބެންހުރި ތަކެއްޗާއި އެ ތަކެތީގެ އަގުތައް ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށައި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރަމަޟާން މަސް އަންނަންވާއިރަށް ތަކެތީގެ ސަޕްލައި މެދުނުކެނޑި ލިބޭނެކަން ޔަޤީންކޮށް، އަގުތައް އުފުލުނަނުދީ ހިފެހެއްޓުން ކަމަށް ވަނީ ބުނެފައެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި، އަސާސީ ބާވަތްތަކުގެ ލިސްޓަށް އަލަށް އިތުރުކުރެވުނު 23 ބާވަތާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ޖުމްލަ 26 ބާވަތެއްގެ މުދާ އެސްޓީއޯ މެދުވެރިކޮށް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތަކުގެ ރައްޔިތުންނަށްވެސް މި ތަކެތި ފަސޭހައިން ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.

އެގޮތުން ރާއްޖޭގެ އެކި ސިޓީތަކާއި ބޮޑު އާބާދީ ހުންނަ 11 ރީޖަނެއްގައި ހުރި އެސްޓީއޯގެ 11 ފިހާރައަކުން ސީދާ މި ތަކެތި ލިބެން ހުންނާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި 3,000 އަށް ވުރެ އާބާދީ މަތި ރަށްރަށުގައި އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި ތަކެތި ވިއްކުމަށް ވަނީ ނިންމާފައެވެ. އާބާދީ ކުޑަ ރަށްރަށުގެ ފިހާރަތަކަށްވެސް އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ލޮޖިސްޓިކްސްގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، އެމްޕީއެލްއާ ގުޅިގެން "ބޭސް ކާގޯ" މެދުވެރިކޮށް ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީއަށް ސީދާ މުދާ އެތެރެކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން، ގަނޑުކޮށް މުދާ ބޭނުންވާ ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމަށް މާލޭގެ ނޯތު ހާބަރު ސަރަހައްދުގައާއި ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހޯލްސޭލް ސެންޓަރުތައް ވަނީ ޤާއިމްކޮށްފައެވެ.

ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، އެސްޓީއޯ އިން ވިއްކާ މުދަލުގެ އަގުތައް އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކުރަމުންދާނެއެވެ. އަދި މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް 169 ބާވަތެއްގެ މުދާ އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ބަލާލުމުގެ ފުރުސަތުވެސް ރައްޔިތުންނަށް އޮންނާނެއެވެ.

ސަރުކާރުގެ މައިގަނޑު މަޤްޞަދަކީ އެއްވެސް ތާށިކަމެއް ނެތި، ހުރިހާ ރައްޔިތުންނަށްވެސް ހެޔޮ އަގުގައި އަސާސީ ތަކެތި ލިބޭނެ އަމާން މާހައުލެއް މި ރަމަޟާން މަހު ފަހިކޮށްދިނުން ކަމަށްވެސް ވަނީ ބުނެފައެވެ.

ad