ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ދަތިތަކާއެކުވެސް ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ދަތިނުވާގޮތަށް ސަރުކާރުން އިޤްތިސާދު މެނޭޖުކުރަމުން ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާޙަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއި، ހިކުމަތްތެރިކަމުގެ ތެރެއިންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެކި ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކައި މި ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، އިޤްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކީގަވެސް، މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތަކާއި ޒަރޫރީ ބޭނުންތަކުގެ އިތުރަށް، ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައްވެސް ކުރިއަށްގެންދަވަމުންދާކަމަށެވެ.


