logo

މިއީ ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް: ވަޒީރު ޝިޔާމް

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަކީ، ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި މާލެ ސިޓީ ހިމެނޭހެން ފަސް ސިޓީގެ މޭޔަރުކަމާއި ކައުންްސިލްގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައިވެސް ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް ރައްޔިތުން ނިންމީ ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ނުބާއްވާށެވެ.

އެކަމާ ގުޅިގެން އެކްސްގައި ވަޒީރު ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށެވެ.

އަދި އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި އިންތިހާބުތަކުގެ ނަތީޖާއަކީ ފުންކޮށް ވިސްނައި ކަންކަން އިސްލާހުކުރުމަށް ލިބޭ ވަރަށް ފަހި ފުރުސަތަކެވެ. ޕީއެންސީއަކީ އަބަދުވެސް ކުރިއަށް ވިސްނާ ޕާޓީއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ނިމިދިޔަ އިންތިހާބަކީ ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިހާބެއް ކަމަށެވެ.

ޝިޔާމު ވިދާޅުވީ އިންތިހާބުގެ ނަތީޖާއާއެކު ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ މަތީގަކަން ވަޒީރު ކަށަަވަރުކޮށްދެއްވިއެވެ.

އަދި ކައުންސިލު އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގައި ގޮނޑިތައް ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނާއި ޓީމުތަކަށް މަރުހަބާ ވިދާޅުވުމާއެކު، އިންތިހާބުގައި ކާމިޔާބުނުވި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ޓީމުތަކުން ދެއްކި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވަމުން ޝިޔާމުވަނީ އެ ބޭފުޅުންނަށް ސާބަސްދެއްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މި އިންތިހާބުގެ ކެމްޕެއިނުގައި ދެއްކެވި އާދަޔާ ހިލާފު ހިތްވަރާއި ރީތި ނަމޫނާއަށް ފަށްފަށުން ޝުކުރު އަދާކުރެއްވުމާއެކު، އިންތިހާބުގެ ކަންކަން ކާމިޔާބުކަމާއެކު ނިންމައިލުމުގައި އެއްބާރުލުންދިން ހުރިހާ އެންމެނަށް ވަޒީރުވަނީ ޝުކުރު އަދާކުރައްވާފައެވެ.

ad