ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ ވިޔަފާރި އޮޕަރޭޝަންތައް ހިންގުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ބުނީ ކުއްލި އެމާޖެންސީ ހާލަތަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުންނާއި ސާކޖް އެންޑް ރެކިސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ދަތުރުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އޭޕްރިލް 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މުއްދަތު އިތުރުކުރަން ނިންމީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ. މީގެ އިތުރުން ގިނަ ފަރާތްތަކަކުން މުއްދަތު އިތުރުކޮށްދިނުމަށް ރަސްމީކޮށް އެދިފައިވާ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ސިއްހީ ކުއްލި ހާލަތްތަކުގައި ހެލިކޮޕްޓަރު މެދުވެރިކޮށް ދޭ ހިދުމަތްތައް ވަކި އުސޫލަކުން ދިނުމަށް ވަނީ ޝަރުތުކޮށްފައެވެ. އެގޮތުން ހިދުމަތް ފަށާ ފުރަތަމަ 3 އަހަރު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް އެމަޖެންސީ ހިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށްގެންދާނީ ސަރުކާރުން އަގު އަދާކުރާގޮތަށެވެ.
މި ޚިދުމަތަށް ހޮވޭ އޮޕަރޭޓަރުންނަށް ރާއްޖޭގައި ޚިދުމަތް ދިނުމުގެ ހުއްދަ ދޭނީ އެންމެ ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ޚިދުމަތް ދޭންވާނީ ރާއްޖޭގެ އޭވިއޭޝަން އޮޕަރޭޓަރެއް ނުވަތަ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކަކީ މަދުވެގެން 5 އަހަރު ދުވަހު ހެލިކޮޕްޓަރު އޮޕަރޭޝަންގެ ތަޖުރިބާ ހުރި ކުންފުނިތަކަކަށް ވާންޖެހޭނެއެވެ.
މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ލަފާކުރާ ގޮތުގައި އަންނަ ޖޫން މަހުގެ މެދުތެރޭގައި ކޮންޓްރެކްޓްތަކުގައި ސޮއިކޮށް، ކުންފުނިތަކަށް ހުއްދަ ދޫކުރެވޭނެއެވެ. އަދި ހުއްދަ ދޭ ތާރީހުން ފެށިގެން އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު 1 ގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ރަސްމީކޮށް ފަށަންޖެހޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބަޔާންކޮށްފައެވެ.

