ބީއެމްއެލްއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި، އެމް.އެމް.އޭ.ގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ބިން ދޫކުރުމާއި ތަރައްޤީކުރުމުގެ އެއްބަސްބުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އިން ހުރިހާ ބޭންކްތަކަށް ލާޒިމުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް (އައިއެންއޭއެޗް) ގެ ދަށުން 3،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް، ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލެއިން ބިން ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު އެމްޔޫއޯއެއްގައި ސޮއިކޮށްފަވާ ކަމަށެވެ.
ރާއްޖޭގައި ކުޑަ އަގުގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް ފެށުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. އެ ޕްރޮޖެޓްގެ އެއް ބަޔަކީ، މާލީ އިދާރާތަކާ ގުޅިގެން ހައުސިންގ ޔުނިޓްތައް ތަރައްޤީކޮށް، ލީސް-ޓު-އޯން (ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް އެ ޔުނިޓްތައް ހުޅުވާލުމެވެ.
ގެދޮރުގެ މިލްކުވެރިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި، އެމް.އެމް.އޭ.ގެ އާ ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކްތަކުން ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ %10 އާއި %15 އާ ދެމެދުގެ ނިސްބަތެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމަށް ޚާއްޞަކުރުމަށް ލާޒިމުކުރެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެމް.އެމް.އޭ އިން ނެރެފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑިބިލިޓީ ގަވާއިދުގެ 4 ވަނަ މާއްދާގެ ހ އާއި އެއްގޮތަށް އިސްލާމިކް ފައިނޭންސިންގ އުސޫލުން ފައިނޭންސިންގ ދޫކުރުމަށް ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގެ %100 ހިއްސާ ހިމެނޭ އާ ސަބްސިޑިއަރީއެއް އުފައްދައި ރަޖިސްޓަރީކޮށްފައެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބޭންކް އޮފް މޯލްޑިވްސްއިން އަލަށް ރަޖިސްޓަރީކުރި ސަބްސިޑިއަރީ، ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީ.އެމް.އެލް.ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ގައުމުގެ އެންމެ ބޮޑު ބޭންކްގެ ހައިސިއްޔަތުން ރާއްޖޭގައި ދޫކޮށްފައިވާ ޖުމުލަ ލޯނުގެ %52 އަށް ވުރެ ބޮޑު އަދަދެއް ހިއްސާކުރަނީ ބީއެމްއެލް އިން. މި މުހިއްމު މަޝްރޫއަށް ހަރުދަނާ ގޮތެއްގައި އަޅުގަނޑުމެން އެހީތެރިމިވަނީ ޒިންމާދާރު ކަމާއި ފަޚުރުވެރިކަމާއެކު. މިއަދުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، މި މަޝްރޫއު ތަންފީޒުކުރުމުގެ މަސައްކަތް ފެށި ރާއްޖޭގެ ފުރަތަމަ ބޭންކަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް.
މިއީ، މި ސްކީމް ކުރިއަށްގެންދިއުމަށާއި ދިވެހި އާއިލާތަކަށް ދިރިއުޅުމަށް ލުއިފަސޭހަ އަދި އަތްފޯރާ ފަށުގައި ގެދޮރުވެރިވެވޭނެ ހައްލުތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެގޮތުން އެޅުނު މުހިންމު ފިޔަވަޅެއް. އެހެން ޕްރޮޖެކްޓްސް ތަކެކޭ އެއްގޮތަށް މި ޕްރޮޖެކްޓް ހިންގުމުގައި ވެސް ބޭންކުން މަސައްކަތް ކުރާނީ ހިއްސާދާރުންނާއި ކަސްޓަމަރުންގެ މަސްލަހަތު ރައްކާތެރިކުރުމަށާއި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށާއި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް އަމަލުކުރުމަށް.
ލީސް-ޓު-އޯން މޮޑެލްގެ ދަށުން އަލަށް ގެދޮރުވެރިންނަށް ވާން ބޭނުންވާ ފަރާތްތަކަށް ބޭންކުން ފައިނޭންސްކޮށްގެން ތަރައްގީކުރާ މި ޔުނިޓްތައް އިމާރާތްކުރާނީ ގާބިލު އަދި ތަޖުރިބާކާރު ޑިވެލޮޕަރުންނާ ހަވާލުކޮށްގެން. ބޭންކުން މި މަޝްރޫއު ކުރިއަށް ގެންދާނީ، ގެދޮރުގެ މިލްކުވެރިކަން ހޯދޭނެ ގޮތަށް، ހަރުދަނާ އޮނިގަނޑަކަށް ފެތޭ އަދި ލުއިފަސޭހަ ގޮތަކަށް. މި ޔުނިޓްތަކަށް މަހު ކުލި ދައްކަމުންގޮސް ޖުމްލަ އަދަދު ދައްކާ ޚަލާސްކުރުމުން އެ ތަނުގެ މިލްކުވެރިކަން ބަދަލުކުރެވޭނެ.
ބޭންކުން މިހާރު ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ގާބިލު ބައެއް ޑިވެލޮޕަރުންނަށް އެކްސްޕްރެޝަން އޮފް އިންޓްރެސްތް ހުށަހެޅުމަށް ދައުވަތުދީފަ. ޑިވެލޮޕަރުންނާއެކު އެއްބަސްވުންތައް ގާއިމުކުރާނީ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދި ޑިއުޑިލިޖެންސް ފުރިހަމަކުރުމަށްފަހުގަ"


