ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން އިއްޔެ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެންމެންނަށް ރައްކާތެރި، ސިއްހީގޮތުން ފައިދާހުރި އަދި ހެޔޮއަގުގައި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކޮށްދޭ އީޖާދީ ދެމެހެއްޓެނިވި އަދި ވިލުންތެރި ކާބޯތަކެތީގެ ނިޒާމުތަކެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމީ ވިލުންތެރިކަމަށާއި އިގުތިސޯދީ ދެމެހެއްޓެނިވިކަމަށް އަސާސީ ގޮތުން ފުރިހަމަވާން ޖެހޭކަމެކެވެ. މީގެ އިތުރުން އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް އަޅުގަނޑުމެންގެ ދިރިއުޅުމާއި މުޖުތަމައުތައް ދަމަހައްޓައިދޭ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައިދީ، މަސް ރައްކާކުރެވޭ މިންވަރާއި ޕްރޮސެސްކުރާ ވަސީލަތްތައް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެކި ރަށްރަށުގައި މަޝްރޫޢުތައް ފަށައި، ލިބެންހުރި ބިންތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ތާޒާ މޭވާއާއި ތަރުކާރީ އުފެއްދުމަށް ދަނޑުވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ދަނޑުވެރިކަން ތަރައްގީކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އެކި ރަށްތަކުގައި ދަނޑުވެރިކަމުގެ މަޝްރޫތައް ކުރިއަށްގެންދެވޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރަށްތަކުގެ ބިންތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ރަށްތަކަށް ބާރުއަޅައި، އުފެއްދުންތެރިކަން އިތުރުކުރުމުގެ ތެރެއިން ތާޒާ މޭވާ ލިބުން ފަސޭހަކޮށް، ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެތެރޭގެ ކާބޯތަކެތި ފޯރުކޮށްދޭ ވިއުގަ ވަރުގަދަކޮށް، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތަކަށް ފަސޭހައިން ބާޒާރު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޒަމާނީ އީޖާދުތަކާއި ދިވެހި އުފެއްދުންތެރިންގެ ތަޖުރިބާ އެއްކޮށްލުމުން އުފެއްދުންތެރިކަން އިތުރުވެ، ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެންމެން އެކުގައި މިކަން ކަމަށް މަސައްކަތް ކުރުމުގެ ތެރެއިން ނިޒާމުތައް ހަރުދަނާކޮށް ދިވެހިންނަށް ހެޔޮ އަގުގައި ސިއްހަތަށް ފައިދާހުރި ކާނާ ލިބޭނެކަން ކަށަވަރުކުރެވޭނެކަމަށް ވިދާޅުވެ، ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް ދަނޑުވެރިންނާއި މަސްވެރިންނާއި އެމީހުންގެ އާއިލާތައް ބާރުވެރިކޮށް އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ކޮންމެ ގޭބީސީއަކީ ސިއްޙަތަށް ފައިދާހުރި ކާނާ ހެޔޮއަގުގައި ލިބޭ ގޭބީސީއެއްކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.
