logo

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަޞްދީޤުކުރައްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

މި ބިލުގެ މަގުސަދަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ. އެގޮތުން، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު އިތުރުކުރުމާއި، މެންބަރުން އައްޔަނުކުރުމާއި، އެ ފަރާތްތަކުގެ ޝަރުޠުތަކާއި، މަޤާމުގެ މުއްދަތަށް މި އިޞްލާހުން ވަނީ ބަދަލުގެނެސްފައެވެ. ކުރިން 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ އަލަށް އައްޔަނުކުރެވޭ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވާއެކު، 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމަށް މީހަކު އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، ބޯޑަށް ޤާނޫނީ ދާއިރާގެ މެންބަރެއް އިތުރުކުރުމާއެކު، ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތައް ވަނީ މި އިޞްލާޙުގައި ކަނޑައަޅާފައެވެ.

މި އިޞްލާޙުތަކާ ގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް ޢައްޔަންކުރަންޖެހޭ މެންބަރުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޢައްޔަންކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ބިލު ޝާއިޢުކުރުމާއެކު މި ބިލަށް ވަނީ ޢަމަލުކުރަންފަށައިފައެވެ.

ad