އިޤްތިޞާދު ސިންދަފާތު ކުރުމަކީ ސަރުކާރުގެ މުހިންމު އިސްކަމެއްދޭ ކަމެއް ކަމަށާއި، ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް،އަމާޒަކީ ރާއްޖެއާއި ޖަޕާނުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބިޒްނަސް ވެބިނާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެ ބަލައިގަތް ނަމަވެސް، މިހާރުގެ ރާއްޖެއިން ފަތުރުވެރިކަމުގެ އިތުރުން ގިނަ ފުރުޞަތުތަކެއް ފަހިކޮށްދޭ ކަމަށެވެ. އަދި އިޤްތިޞާދު ސިންދަފާތު ކުރުމަކީ ސަރުކާރުގެ މުހިންމު އިސްކަމެއް ކަމަށާއި، އިންވެސްޓްމަންޓް މާޙައުލު ވަރުގަދަކުރުމަށާއި، ރެގިއުލޭޓަރީ އޮނިގަނޑު ޒަމާނީ ކުރުމަށް އަދި ވިޔަފާރިކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް އިޞްލާޙީ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.
އަދި ރާއްޖެއާއި ޖަޕާނަކީ އިތުބާރާއި އިޙްތިރާމާއި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮތް 2 ޤައުމު ކަމަށާއި، އަދި ފާއިތުވި އަހަރުތަކުގައި އިމާރާތްކުރުމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއާއި، ކާރިސާތަކުން ރައްކާތެރިވުން އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ފަދަ ދާއިރާތަކުން މި ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

.jpg&w=256&q=75)
