މަސް މާރުކޭޓާއި ސަލްޓަން ޕާކާއި، ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމުމަކީ ކައުންސިލުގެ ބާރުތައް ހަނިވެ، އާންމުންނަށް ފައިދާވާ މަޝްރޫއުތައް ހިންގަން ދަތިވެ، އަދި އެކަމުގެ އާންމުންނަށް ގެއްލުންވާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން ގަރާރަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 52 މެންބަރުންނެވެ.
މީކާއީލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ކައުންސިލްގެ އިހުތިސާސް ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ކައުންސިލްތަކުގެ ބިންތައް ނެގޭނީ ކައުންސިލްތަކާ މަޝްވަރާކޮށްގެން ކަމަށެވެ. އެ އުސޫލުން މަޝްރޫއަކަށް ބިމެއް ނަގާ ނަމަ އެ ބިމެއްގައި ހިންގާ މަޝްރޫއުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކޮށް، ކައުންސިލްގެ ޚިޔާލު ހޯދަން ޤާނުނުގައި ބުނެފައިވާ ކަން މީކާއީލް ފާހަގަކުރެއްވި އެވެ.
އަދި އެ 14 ބިމަކީ ކައުންސިލުގެ ބަޖެޓަށް މިހާރު ވެސް އާމްދަނީ ލިބޭ ގޮތަށް ކަނޑައެޅިފައިވާ ބިންތަކަކަށް ވެފައި، އެ ބިންތަކުން ލިބޭ އާމްދަނީއަކީ މިސްކިތްތައް ބެލެހެއްޓުމަށާއި ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދުތަކަށް ޚާއްސަކޮށްފައިވާ ފައިސާ ކަމުން އެ ބިންތައް އަތުލުމުން ކައުންސިލަށް ލިބޭ މާލީ މަންފާތައް ގެއްލޭނެ ކަމަށް ގަރާރުގައިވެއެވެ.
ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ތޮއްޖެހުން ކުޑަކުރުމަށް ޕާކިންގ އިމާރާތްތަކާއި ހިތްފަސޭހަ މައިޒާންތައް ތަރައްޤީކުރުމުގެ ޕްލޭންތައް ކައުންސިލުން އެކުލަވާލަމުން ދަނިކޮށް ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމަކީ މާލޭ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށާއި، ލާމަރުކަޒީ ނިޒާމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައިވާ 14 ބިން ދައުލަތަށް ނަގަން ނިންމައި އެކަން ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާތީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ މާލެ ސިޓީ ކައުންސިލުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ ބިންތައް ހައުސިންގ މިނިސްޓްރީން ނަގަން ނިންމާފައިވަނީ މާލެ އާއި ވިލިމާލޭގެ އާބާދީ އަށް ބޭނުންވާ ތަރައްގީގެ އެކި އެކި އެކި މަސައްކަތްތަކަށް ބުނެއެވެ.

.jpg&w=3840&q=75)