ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
ފުލުހުން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރައްވާފައިވާތީ އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ފުލުހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް މި ދުވަސްވަރު ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 2:30 އިން ފެށިގެން އިރުއޮއްސި 7:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ގަޑިތަކުގައި އާންމުކޮށް ގަޑިއަކު 19 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިކަމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މިދުވަސްވަރަކީ، ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށްވާއިރު ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް ކަމާބެހޭ އިދާރާތަކުން ނެރޭ މޫސުމީ ސަމާލުތަކަށް ބޯލަނބައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

