logo

ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އިޢުލާންކޮށް، ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

މަޒީ
8 ގަޑިއިރު ކުރިން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް އަންނަ އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެ ކޯޕަރޭޝަންގެ ޢުމްރާ ކަލަންޑަރު އިޢުލާނުކޮށް، ދަތުރުތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

އަންނަ އަހަރަށް ރާވާފައިވާ ޢުމްރާ ދަތުރުތަކުގެ ތެރޭގައި ހިމެނެނީ، ރަމަޟާން މަހުގެ ޢުމްރާގެ އިތުރުން ޖުލައި މަހުގެ ޢުމްރާ، ސެޕްޓެމްބަރު މަހުގެ ޢުމްރާ އަދި ޑިސެމްބަރު މަހުގެ ޢުމްރާއެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، 2025 ވަނަ އަހަރުގެ ޢުމްރާ ދަތުރުތައް އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ކަލަންޑަރަށް ވަރަށް ބޮޑަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މިއީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް، އާއިލާތަކަށް އެކުގައި ދަތުރުކުރުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމުގެ މަޤްޞަދުގައި ނިންމި ނިންމުމެކެވެ.

އަންނަ އަހަރަށް ތާވަލުކޮށްފައިވާ ޢުމްރާ ދަތުރުތަކުގެ އަގުތަކަށް، މި ހިނގާ އަހަރުގެ އަގުތަކާ އަޅާބަލާއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޖުލައި އަދި ސެޕްޓެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ، 30،965 ރުފިޔާއެވެ. އަދި އަހަރު ނިމޭ ޑިސެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ، 31،965 ރުފިޔާއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ކޮންމެ ދަތުރަކަށްވެސް ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ކަމަށެވެ. އެހެންކަމުން ޢުމްރާއަށް ޖާގަ ކަށަވަރުކުރުމަށް އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ނުވަތަ ވެބްސައިޓް (hajj.mv) އިން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެދިފައިވެއެވެ.

އަންނަ އަހަރުގެ ދަތުރުތަކުގައި ޢާންމުންނަށް ޚާއްޞަ ލުއިތަކެއް ހަމަޖެއްސުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާ ދަތުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ޖިއްދާއަށް އުދުއްސާލުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި މުސްތަޤުބަލުގައި ބޮޑެތި ޗުއްޓީތަކާ ދިމާކޮށް ގަމުން ސީދާ ފްލައިޓުތައް އޮޕަރޭޓް ކުރުމަކީވެސް އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. މީގެއިތުރުން، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، އެމީހަކު ހުރި ރަށަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

ޙައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތަކުގައި ދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ޖިއްދާއަށް ސީދާ ދަތުރުކުރާ ޑައިރެކްޓް ފްލައިޓާއި، ފެންވަރު ރަނގަޅު ހޮޓާތަކުގައި ތިބުމުގެ އިތުރުން ޢުމްރާ ކިޓު ހިލޭ ދިނުން ހިމެނެއެވެ. އަދި މަދީނާގައި ހޭދަކުރާ 3 ރޭގެ އިތުރުން މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލުގައި ދަތުރު ކުރުމާއި، ލޯންޑްރީ އަދި އިސްތިރި ކުރުމުގެ ޚިދުމަތްވެސް ހިމެނޭނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

ޞިއްޙީ ރައްކާތެރިކަމަށް ބަލާއިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި، ފާމަސީގެ ޚިދުމަތްތައް ދިނުމުގެ އިތުރުން ޢުމްރާވެރިންގެ ރައްކާތެރިކަމަށް ޚާއްޞަ ލޮކޭޝަން ޓްރެކިންގ ޑިވައިސް އަދި ބަގީގެ ޚިދުމަތްވެސް ފޯރުކޮށްދެވޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ad