logo

ބޭންކް ފަންޑްގެ އެހީގައި ކުރިއަށް ގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ނިންމާލައިފި

ދިޔާމާ އިބްރާހިމް
6 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމަށް ޓަކައި "ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން 2022' ގެ މައްޗަށް ބިނާކޮށް، ކުރިޔަށް ގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން ތަފާތު އުމުރުފުރާތަކަށާއި، ހަށިގަނޑުގެ ފިޓްނަސް ހުރި މިންވަރަށް ބަލައި، އެންމެންނަށް ބައިވެރިވެވޭ ފަދަ ކަސްރަތު ކުރާނެ ގޮތުގެ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ބޮޑެތި މީހުންގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ވީޑިއޯތައް ހިމެނެއެވެ.

undefined

ބީއެމްއެލްއިން ބުނި ގޮތުގައި އެ ވީޑިއޯތައް ޓައިނީ ހާޓްސްގެ ވެބްސައިޓުންނާއި އެކަމަށް ހާއްސަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުން މުޅިން ހިލޭ ބަލާލެވޭނެ ކަމަށެވެ. އަދި ގިނަ ބަޔަކަށް އެ ވީޑިއޯތައް ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމަށް ޓަކައި މި ވީޑިއޯތައް ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް ހަމަޖައްސާފައިވާނެކަމަށެވެ.

މި ޕްރޮޖެކްޓަކީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ޓަކައި، ގަވާއިދުން ކަސްރަތުކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުގެ މަޤްސަދުގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލައިގެން ބީއެމްއެލްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހިލޭ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް ފަސް މަޝްރޫއެއް ހޮވައި، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް އެއިން ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ އެހީ ފޯރުކޮށްދެއެވެ.

ad