logo

ވަޠަނީ ޚިދުމަތް: 4ވަނަ ބެޗަށް ކުދިން ހޮވަން ފަށައިފި

އާމިނަތު މޫސާ
18 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާ ނުވަތަ ސެލެކްޝަން ޕްރޮސެސް މިއަދު ފަށައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ މި މަރުހަލާ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވީ، 4 ވަނަ ބެޗުގެ ސެލެކްޝަންގައި ފުރުޞަތު ދީފައިވަނީ 3 ވަނަ ބެޗަށް ކުރިމަތިލީ ކުދިންގެ ތެރެއިން ޖާގަ ނުލިބުނު ކުދިންނަށް ކަމަށެވެ. މި ޕްރޮސެސް މާލެ ހިމެނޭހެން ރާއްޖޭގެ 13 ސަރަޙައްދެއްގައި ވަރަށް ފުޅާކޮށް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ޒަރީއާއިން ދަސްކޮށްދޭ ކަންކަމުގެ ތެރޭގައި، އަޚުލާޤާއި ސުލޫކު އަށަގެންނެވުމުގެ ހަރަކާތްތަކާއި، ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުންވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ކުދިންނަށް ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕްގެ ސެޓްފިކެޓް 3 އާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ފަދަ މުހިންމު ސެޓްފިކެޓްތައް ލިބިގެންދާނެއެވެ. މިއީ ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމަށް ލިބޭ ބޮޑު ބާރެކެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 2 ބެޗުގެ އަސާސީ ތަމްރީނުތައް މިހާރު ވަނީ ނިންމާލާފައެވެ. އަދި މިވަގުތުވެސް 3ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 3ވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެއެވެ. އޭގެތެރޭގައި ހިމެނެނީ، 288 ފިރިހެން ކެޑޭޓުން އަދި 64 އަންހެން ކެޑޭޓުންނެވެ.

ad