އަމިނީ މަގުގައި ހުރި 3 އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި، އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރިކަމަށް ބުނުމުން ފުލުހުން ޗިޓް ހަވާލުކުރުމަށް ކުރީގެ ރައީސް ޔާމީންގެ ގެކޮޅަށް ވަޑައިގަތުމުން އެމަނިކުފާނު ޗިޓާއި ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ 2024 ވަނަ އަހަރު ޑިސެމްބަރު މަހު ހިނގި މި އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ހާދިސާ ހިނގަން މެދުވެރިވީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށާއި، އަދި އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ 18:40 އެހާއިކަންހާއިރު، ހ. ދޫވެއްސަށް ގޮސް ރައީސް ޔާމީނާ ބައްދަލުކުރަން މަސައްކަތް ކުރި ކަމަށާއި، އަދި ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެކަމުން ކުރި މަސައްކަތުން އެމަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައި ކަމަށެވެ.
މި މައްސަލައައި ގުޅިގެން ފުލުހުން ބުނީ އެމަނުކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތެއް ކަމަށާއި، ތަހުގީގަށް މައުލޫމާތު ސާފުކުރުމަށްޓަކައި، ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ދެންނަވީ ކަމަށެވެ.

.jpg&w=256&q=75)
