logo

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި އެޕްލިކޭޝަންތައް ވެރިފައި ކުރުމުގެ މަސައްކަތް ފަށައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި އެޕްލިކޭޝަންތައް ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. މި މަސައްކަތަކީ ހުށަހަޅާފައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރިއަށްގެންދާ މުހިންމު މަރުހަލާއެކެވެ.

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަގުތު ހަމަވީއިރު ބައިލައްކައަށްވުރެ ގިނަ މީހުންވަނީ ގޯއްޗަށާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށައަޅާފައެވެ.

ގެތޮރުވެރިންގެ ޕޯޓަލްއަށް ގެނައި ބަދަލުތަކާއި ހައުސިންގ ސްކީމްތަކާ ގުޅޭ ގަވާއިދުތަކަށް ގެނައި އިސްލާހުތަކާއެކު، ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ފުރުސަތު މި މަހުގެ 15 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ފްލެޓަށް އެދި 35,900 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި 22,000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ލިބިފައެވެ.

ދައުލަތުގެ މީޑީއާ އަށް މައުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތުގައި އެޕްލިކޭޝަންތަކުގައި ހުރި މައުލޫމާތުތައް ސަރުކާރުގެ އެކި އިދާރާތަކުގައި ހުރި މައުލޫމާތުތަކާ އަޅާކިޔައި، ޝަރުތުތައް ހަމަވޭތޯ ބަލާނެއެވެ. މީގެ ތެރޭގައި މާލޭގައި ދިރިއުޅޭކަން ކަށަވަރު ކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އަދަދު ގިނަވުމުން މި މަސައްކަތަށް ވަގުތު ނަގާނެއެވެ. މި މަރުހަލާގައި 200,000 އަށްވުރެ ގިނަ އިންޑިވިޖުއަލް ރެކޯޑްތައް ރިވިއު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށާފައެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މީގެ ކުރީގެ މަޝްރޫއުތަކާ ހިލާފަށް މި ސަރުކާރުން ނިންމީ ދައުރުގެ ކުރީކޮޅު އެޕްލިކޭޝަނަށް ހުޅުވާލުމަށެވެ. ކުރީގެ މަޝްރޫއުތަކުގައި ގިނަ ފަހަރަށް ފުރުސަތު ހުޅުވާލަނީ ދައުރު ނިމެން ކައިރިވުމުންނެވެ. ޕްލޭން ކުރެވިފައިވާ ގިނަ މަޝްރޫއުތައް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭގެ ސަބަބުން ޝަރުތު ހަމަވާ ފަރާތްތަކަށް އަވަހަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ad