ގދ. ތިނަދޫ ކައުންސިލުން އެރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކަށް ޞައްޙަ ނޫން މަޢުލޫމާތު ޙިއްޞާކޮށްފައިވާކަމަށް ތުޙުމަތު ކުރެވޭ މައްސަލަ ޕީޖީ އަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ތިނަދޫގެ އާބާދީއާ ގުޅޭގޮތުން އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އާންމުންގެ ބަޔަކު ފުލުހުންނަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައެކެވެ.
މި ތުހުމަތުތަކާ ގުޅިގެން މިދިޔަ އަހަރު އޭސީސީގެ ޓީމަކުން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ވެސް ގެންގޮސްފައެވެ.
ތިނަދޫ ސިޓީ އަށް ސިޓީ އެއްގެ ދަރަޖަ ދީފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭނުގެ ތެރޭގައި ތިނަދޫ އަށް ވަޑައިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކުންނެވެ.
ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ މަދުވެގެން 10،000 މީހުންގެ އާބާދީ އޮންނަ ރަށްރަށެވެ. ނަމަވެސް ދައުލަތުގެ އިދާރަތަކުން ހާމަވާ ގޮތުން އޭރު ތިނަދޫގެ އާބާދީއަކީ 8،000 ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަޔަކު ހުށަހެޅުމުން ފުލުހުން ގެންދަނީ ބަލަމުންނެވެ.

.jpg&w=256&q=75)
