ޤައުމީ ދުވަސް ފާހަގަކުރާއިރު، މިނިވަންކަން ގެއްލޭނެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، ދިވެހީންގެ ހަނދާންތައް އައުކޮށްދެނީ މީގެ 467 އަހަރު ކުރީގެ މާޒީ ކަމަށެވެ. އެއީ "ކަނޑުގެބާޒު" ގެ ނަމުން މަޝްހޫރުވި ޕޯޗުގީޒުންގެ އިސްތިޢުމާރީ އަނިޔާވެރިކަމުން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބީގެ ހަނދާންތައް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ތާރީޚަށް ބަލާއިރު ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުވެސް ފެންނާން އޮތް ހަގީގަތަކީ، ޤައުމަށް ހެޔޮނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވެފައިވާކަމެވެ. އެހެންކަމުން، މިއަދު ދިވެހި ކޮންމެ ރައްޔިތެއްގެ ޢަޒުމަކަށް ވާންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
ރައީސް ވަނީ، ފަޚުރުވެރި ޤަައުމީ ދުވަހުގެ މުބާރަކްބާދު ދިވެހި ރައްޔިތުންނަށް ވިދާޅުވެ، އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، މި ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ގޮވައިލައްވާފައެވެ.

