logo

ހުޅުމާލެ މަގުތައް ތަރައްޤީކުރުން: 3 މަގުގައި ތާރު އަޅައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 1 އަދި 2 ގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ނުހެދި ހުރި މަގުތައް ހެދުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް ތިން މަގެއްގައި ތާރު އަޅާ ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލޭގައި 6 މަގެއް ތަރައްޤީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ޑިސެންބަރު މަހުގެތެރޭގައެވެ.

މި މަޝްރޫޢަކީ ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.އެޗްޑީސީން މަޢުލޫމާދިން ގޮތުގައި ތާރު އަޅާ ނިމިފައިވަނީ އެޕޯލޯ ފްލެޓްތަކުގެ ބިއްދޮށުން އޮންނަ މަގާއި، ވަން ސެންޓްރަލް ޕާކް ރެސިޑެންސްއާ އިންވެގެން އޮންނަ މަގު އަދި ރޭތިގަލް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގައެވެ.

މި މަގުތަކުގައި މިހާރު ކުރިއަށްދަނީ ވޯކްވޭތަކާއި ގަސް އިންދާ ސްޓްރިޕްތައް ހެދުމުގެ އިތުރުން، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްތަކެވެ.މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ފޭސް 2 ގެ ވިނަރެސް ފްލެޓްތަކުގެ ބިއްދޮށުން ކުރީގެ ފަރުކޮޅުފުއްޓާ ދިމާލަށް އޮންނަ މަގުގެ މަސައްކަތެވެ.

އެ ސަރަޙައްދުގެ ސަބްބޭސް މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތަކެވެ. ޖުމްލަ 1.1 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަގުތައް ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާ އެކުގައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް މަގުތައް ވަނީ ފަރުމާކޮށްފައެވެ. މީގެ އިތުރުން، ހުޅުމާލޭގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތުގެ 30 އިންސައްތަވެސް މިހާރު ވަނީ ނިމިފައެވެ.

ޗައިނާގެ ރޮޓިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން، ހުޅުމާލެ ފޭސް 1 ގައި ނުހެދި ހުރި ހުރިހާ މަގުތަކެއްގައި ތާރު އެޅިގެންދާނެއެވެ. މީގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް ބޮޑު ލުއިފަސޭހައެއް ލިބި، ހުޅުމާލޭގެ މީހުން ދިރިއުޅޭ ހުރިހާ ސަރަޙައްދެއްގެ މަގުތައް އެއް ފެންވަރަކަށް ތަރައްޤީވެގެންދާނެއެވެ.

ad