logo

ޞާޙިބް އައްސުމޫވް ބިން ރާޝިދު ގެ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، އަދި ދުބާއީގެ ޞާޙިބް އައްސުމޫވް އައްޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ކޮއްކޯފުޅު، ހިޒް ހައިނަސް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމް އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތައުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ދުބާއީގެ ޞާޙިބް އައްސުމޫވް އައްޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، ޝާހީ ޢާއިލާއަށާއި، ޔޫ.އޭ.އީގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރައްވާފައިވެއެވެ.

އަދި ޢާންމު ޚިދުމަތާއި، ސަލާމަތީ ކަންކަމާއި، ކުޅިވަރާއި، ޤައުމީ ތަރައްޤީއަށް ޝައިޚް އަޙްމަދު ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ތަޢުރީފުކުރައްވައި، ދުބާއީގެ ކުރިއެރުމާއި ފާގަތިކަމަށް އެމަނިކުފާނު ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މަރްޙޫމް ހިޒް ހައިނަސް ޝައިޚް އަޙްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ފުރާނަފުޅަށް މާތްﷲ ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ޖަންނަތުލް ފިރްދައުސްގެ މަތިވެރި ދަރަޖަ މިންވަރުކުރެއްވުން އެދި ދުޢާކުރައްވަމުންނެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ދުބާއީގެ ޞާޙިބް އައްސުމޫވް އައްޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، އެމަނިކުފާނުގެ ޢާއިލާއަށާއި، ޔޫ.އޭ.އީގެ ރައްޔިތުންނަށް ކެތްތެރިކަމާއި ތަސައްލީ މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް މިފަދައިން ޝުޢޫރު ފާޅުކުރައްވައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ.

ad