އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ފުއްދުމަށާއި، ބައިނަލްއަޤްވާމީ މާލީ ނިޒާމަށް އިޞްލާޙީ ބަދަލުތައް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ ގޮތުން ވެފައިވާ ވަޢުދުތައް ޢަމަލީ ނަތީޖާއަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބަލައިގަތުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، ނާޒުކު ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ޙިއްސާކުރައްވައި، އެ ޤައުމުތަކަށް ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް"ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވައި، އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ.
މި ސަމިޓުގެ ހަވާސާގައި ރައީސްގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޭއްވި މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ހޯދުމާއި، އަދި ރަށްފުށު ސަރަޙައްދުތައް މޫސުމީ ގެއްލުންތަކަށް ހޭނުވުމާ ގުޅޭގޮތުންނެވެ.
2023ވަނަ އަހަރުގެ ކޮޕް28 އާއި 2024 ވަނަ އަހަރުގެ ކޮޕް29 ސަމިޓުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިވުމަކީ، މޫސުމާގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރުމަށް، މި ސަރުކާރުން ދޭ ޚާއްޞަ ސަމާލުކަން ދައްކުވައިދޭ ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

