ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ފަޅުތެރެ ބަންދުކުރުމަށް ކުރިން ކަނޑައެޅި ގަޑިތަކަށް މިއަދު ބަދަލު ގެނެސްފިއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ އެއްގަމާއި ކަނޑުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފައިވާއިރު، ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިއަދުން (31 އޮކްޓޫބަރު 2026) ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ޖުމްހޫރީ މައިދާން ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނީ މެންދުރުފަހު 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެންނެވެ. އަދި އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނީ މެންދުރުފަހު 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން ކަމަށެވެ.
މިއަދު ގެނައި ބަދަލާއެކު، ފަޅުތެރެ ބަންދުކުރާ ގަޑި އެއް ގަޑިއިރު އަވަސްވެފައިވާއިރު، މަގުތައް ބަންދުކުރާ ގަޑި ވަނީ ބައިގަޑިއިރު އަވަސްކޮށްފައެވެ. އަދި ކުރިން ވަކި ގަޑިއަކަށް ހުޅުވާލަން ނިންމާފައި އޮތް ނަމަވެސް، މިހާރު ހަމަޖައްސާފައިވަނީ ފަރިތަކުރުންތައް ނިމުމުން ހުޅުވާލާ ގޮތަށެވެ.
މި ބަދަލުތަކާ ގުޅިގެން ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އަބަދުވެސް އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.


