logo

ޒަކާތް ނެރުމާ ބެހުމުގައި ޢަމަލު ކުރާނެ ގޮތުގެެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތަކަށް މުވައްޒަފުން ތަމްރީނު ކުރުމުގެ ޕުރޮގުރާމު ފަށައިފި

މަރްޔަމް
2 ގަޑިއިރު ކުރިން

މޯލްޑިވްސް ޒަކާތު ހައުސްގެ މުވައްޒަފުންގެ މަޢުލޫމާތު މުއްސަނދިކޮށް، އެ އިދާރާގެ މަސައްކަތްތަކުގައި އިސްލާމީ އުޞޫލުތައް އެއްގޮތަކަށް ތަންފީޛުކުރުން ކަށަވަރުކުރުމުގެ މަޤްޞަދުގައި، 'ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް’ގެ ދެވަނަ އިޞްދާރުގެ މައްޗަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕުރޮގުރާމެއް އެ އިދާރާގެ މުވައްޒަފުންނަށް ފަށައިފިއެވެ.

މި ތަމްރީނު ޕުރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަ ސެޝަނަކަށް ބަހާލައިގެންނެވެ. މި ސެޝަންތަކުގައި ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ޝަރުޢީ އުޞޫލުތަކާއި، މިންގަނޑުތަކާއި އިރުޝާދުތަކަށް އަލިއަޅުވާލެވޭނެއެވެ.

މި ސެޝަންތައް ނަންގަވައިދެއްވާނީ ފުރަތަމަ ސެޝަން ނަންގަވައިދެއްވި އައްޝައިޚް ޢިއްޒުއްދީން އަދުނާންގެ އިތުރުން، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް އަދި އެކްޓިންގ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒެވެ.

ޕުރޮގުރާމް ނިމުމުން، ބައިވެރިންނަށް ކިޔަވައިދެވުނު ބައިތައް ދަސްވި މިންވަރާއި، ތަމްރީނުން ލިބުނު މަޢުލޫމާތު ވަޒަންކުރުމަށްޓަކައި އެސެސްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރެއިނިން ޕުރޮގުރާމުގެ މަޤުޞަދަކީ، މޯލްޑިވްސް ޒަކާތު ހައުސްގެ ހުރިހާ މުވައްޒަފުންނަކީވެސް ޒަކާތާ ގުޅޭ ޝަރުޢީ ކަންކަމަށް ފުރިހަމައަށް އަހުލުވެރި، އަދި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ.

މި ޕުރޮގުރާމުގެ ޒަރީޢާއިން، މޯލްޑިވްސް ޒަކާތު ހައުސްއިން އަމާޒު ހިފާފައިވަނީ މުއައްސަސާގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށާއި، ޒަކާތާ ގުޅުންހުރި މަސައްކަތްތައް އެއް އުޞޫލަކުން ހިންގުމަށާއި، އަދި ޒަކާތް ނެގުމާއި ބެހުމުގެ އެންމެހައި ކަންކަން ޝަރުޢީ ހަމަތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށެވެ.

ad