ފާއިތުވީ 11 އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ވެގެން ދިޔައީ ސަރަހައްދީ އަދި ބައިނަލް އަޤްވާމީ މީޑިއާ ތަކުގެ ސަމާލުކަން އެދަތުރުފުޅަށް ހުއްޓިގެން ދިޔަ ވަރަށް ޚާއްޞަ ދަތުރުފުޅަކަށެވެ.
ޚާއްޞަކޮށް އިންޑިޔާގެ މައިގަނޑު ހުރިހާ މީޑިއާތަކުން މި ދަތުރުފުޅުގެ ޚަބަރުތައް ފުޅާ ދާއިރާއެއްގައި ގެނެސްދީފައިވެއެވެ. އިންޑިއާގެ ނޫސްތަކާއި ޓީވީ ޗެނަލްތަކުން މި ދަތުރުފުޅު ސިފަކޮށްފައިވަނީ އިންޑިއާ ކަނޑުގެ ސަރަޙައްދީ ޚާރިޖީ ސިޔާސަތުގައި ހިމެނޭ މުހިންމު ކަމެއްގެ ގޮތުގައެވެ.
އެގޮތުން "ޓައިމްސް އޮފް އިންޑިއާ" ފަދަ ނޫސްތަކުން ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސާރކްގެ މަސައްކަތްތައް އަލުން ފެށުމަށް ރައީސް މުޢިއްޒު ވަކާލާތު ކުރެއްވި ކުރުމަށެވެ. މީގެއިތުރުން، މި ދަތުރުފުޅުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސޮއިކުރެވުނު މުހިންމު ފަހުމުނާމާތަކުގެ ތެރޭގައި ކަނޑުގެ ރައްކާތެރިކަމާއި ދިފާޢީ ދާއިރާ ހިމެނޭތީ، ސަރަޙައްދީ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެކި ފަރާތްތަކުން ޚިޔާލުފާޅުކޮށްފައިވާކަން ވެސް މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ދިވެހި ސަރުކާރުން ގެންގުޅުއްވަނީ ސަރަޙައްދުގެ ހުރިހާ ޤައުމުތަކަކާ އެކުވެސް ގާތް އަދި ހަމަހަމަ ގުޅުމެއް ބޭއްވުމުގެ ހަރުދަނާ ޚާރިޖީ ސިޔާސަތެކެވެ. އެގޮތުން އިންޑިއާއާއެކު އޮތް ގުޅުން ހަރުދަނާކޮށް، ގާތް ރަޙްމަތްތެރި ކަމާއެކު ކުރިއަށްދާ ފަދައިން، ޕާކިސްތާނާއެކު ވެސް އިޤްތިޞާދީ އަދި ތަރައްޤީގެ ރޮނގުން ގުޅުން ބަދަހިކުރައްވައި، ޤައުމީ މަޞްލަޙަތު ކުރިއެރުވުމަށް ރައީސް މުޢިއްޒު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ޖުމްލަކޮށް ބަލާއިރު، މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ދައުރު ފުޅާވެ، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖޭގެ އިސްނެގުން ވަރުގަދަވަމުން އަންނަކަން ހާމަވެގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ދެ ޤައުމުގެ އެންމެ އިސްވެރިންގެ ބައްދަލުވުމަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ދެބޭފުޅުން ވެސް ވަނީ ދެޤައުމުގެ ދެމެދުގައި އޮތް އެއްބަނޑުއެއްބަފާ ރަޙްމަތްތެރިކަމާއި އެއްގޮތް އުންމީދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ޒަމާންވީ އެކުވެރިކަން ބިނާވެފައިވަނީ އެއްގޮތް އިސްލާމީ ޢަޤީދާއާއި، އިޙްތިރާމާއި، ދެފަރާތުގެ ފުން ދެނެގަތުމުގެ މައްޗަށެވެ. އަދި މި ޒިޔާރަތަކީ ހަމައެކަނި މާޒީގެ ގުޅުން ފާހަގަކުރުމުގެ ބަދަލުގައި، ދެ ޤައުމުގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބެނިވި މުސްތަޤްބަލެއް ބިނާކުރުމަށް ލިބުނު އަގުހުރި ފުރުޞަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އެއްބަސްވުންތަކަކީ އެއްބާރުލުމުގެ އައު ދޮރުތަކެއް ހުޅުވައިދިން ކަމެއް ކަމަށާއި، މި އެއްބަސްވުންތަކުގެ ޙަޤީޤީ ނަތީޖާ ދެޤައުމުގެ ރައްޔިތުންނަށް ފެންނާނެހެން މަސައްކަތް ބައްޓަންކުރުން މުހިންމު ކަމަށެވެ.
އިޤްތިޞާދީ ގޮތުން ދެޤައުމު ގުޅުވާލުމަށްޓަކައި ބޮޑެތި ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މިހާރު ދެޤައުމުގެ ދެމެދުގައި ކުރެވޭ 13 މިލިއަން ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވަޢުދުވެވަޑައިގެންފައެވެ. މި ނިންމުމަށް ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވިއެވެ.މީގެއިތުރުން ދެޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ފަތުރުވެރިކަން ފުޅާކުރުމަށް އަދި ސީދާ ވައިގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން ދަނީ މަޝްވަރާތައް ކުރެވެމުންނެވެ.
ދެޤައުމުގެ ކުރިމަގު ބިނާކުރުމަށްޓަކައި ޒުވާނުން ބާރުވެރިކުރުވުމަކީ ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވި ކަމެކެވެ. ޕާކިސްތާނުން ޒަމާނުއްސުރެ ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްތަކާއި ތަމްރީނުގެ ފުރުޞަތުތައް ދެމުންގެންދާތީ އެކަމަށް ޝުކުރު އަދާކުރައްވަމުން، ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން އެމް.ބީ.ބީ.އެސް ޖާގަތައް އިތުރުކުރުމަށާއި، ދިވެހި ޑޮކްޓަރުންނަށް ޕާކިސްތާނުގައި އިންޓަރންޝިޕް ފުރުޞަތުތައް ހޯދައިދިނުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުން ވަނީ 100،000 ޒައިތޫނި ގަހުގެ ކަފި އަދި އެކި ބާވަތްތަކުގެ 100،000 އޮށް ހަދިޔާކުރުމަށް ނިންމާފައެވެ.
ސަރަޙައްދީ ކަންކަމަށް ބަލާއިރު، ދެކުނު އޭޝިއާގެ ސަރަޙައްދީ އެއްބާރުލުމުގެ ޖަމްޢިއްޔާ (ސާކް) ގެ މުހިންމުކަން ރައީސް ފާހަގަކުރައްވައި، މެންބަރު ޤައުމުތަކުގެ މެދުގައި އިތުބާރު ޤާއިމުކުރުމަށް ބާރުއެޅުއްވިއެވެ. ހަމައެއާއެކު، އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، މެދުއިރުމަތީގެ ޞުލްޙައަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ވަނީ ތަޢުރީފު ކުރައްވާފައެވެ.
މި ތާރީޚީ ޒިޔާރަތް ނިންމަވާލައްވަމުން، ލިބުނު ފުރިހަމަ މެހެމާންދާރީއަށް ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، ކައިރި މުސްތަޤްބަލެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ރަސްމީ ދަޢުވަތު ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރައީސް ޑރ. މުޢިއްޒު ވަނީ އަރުވާފައެވެ. މިއީ ދެޤައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފެހި ސިގްނަލެކެވެ.

