ދަނޑުވެރި މަންފާ ގްރާންޓާއި ދަނޑުވެރި ނަފާ ލޯނު އިފްތިތާހުކޮށްފިއެވެ.
މި ދެ ލޯން އިފްތިތާހުކުރީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް، ހއ. ކެލައަށް ކުރެއްވި ދަތުރުގައެވެ.
މިއީ، ދަނޑުވެރިކަމާ ބެހޭ ވުޒާރާ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިނގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމުގެ ދެވަނަ ބުރެވެ. އަދި މިއީ ވުޒާރާގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ "ނަފާ ލޯން ސްކީމް" އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް، ސްކީމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
އެހެން ކަމުން "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި އިސްލާމިކް ފައިނޭންސިންގެ ނިޒާމުގެ ދަށުން "ދަނޑުވެރި ނަފާ" ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ދެ ސްކީމަކީވެސް އެސްއެމްއީ ޑިޖިޓަލް އާއި ގުޅިގެން ހިންގާ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމްތަކެކެވެ.
"ދަނޑުވެރި މަންފާ" ސްކީމް އަމާޒު ކުރަނީ މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.
މި ގްރާންޓުގެ ފުރަތަމަ ބުރު ނިމިގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ކަމާއެކުއެވެ. ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުގައިވެސް ފުރުސަތު ހުޅުވާލީ ހަމައެކަނި، ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. މީގެ ތެރޭގައި ހިމެނެނީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ގާއިމްކޮށްގެން ކުރާ ދަނޑުވެރިކަންތަކެވެ.
"ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީގެ އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗާ، ޓެރަސް ނުވަތަ ވާޓިކަލް ގާޑްނިން، ޕޯލްޓްރީ އެންޑް ސްމޯލް ލައިވް ފާމިން، އެގްރޯ ޕްރޮސެސިން އެންޑް ވެލިއު އެޑިޝަން، އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީތައް ގާއިމު ކުރުމަށް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްތަކުގެ އެންމެ ބޮޑު މަދުސަދަކީ، ރާއްޖޭގެ ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމަށް މަގުފަހުކޮށް ދިނުމަށް ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހިކޮށްދިނުމާއި އެކު، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މި ގްރާންޓް ސްކީމުގެ މައުލޫމާތު ހިއްސާ ކުރުމުގެ ސެޝަންތައް ޕްރޮޖެކްޓުގެ ރަށްތަކުގައި މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާއިރު ދަނޑުވެރި މަންފާ ގްރާންޓް ސްކީމަކީ، އެސްއެމްއީ ޑިޖިޓަލްއާއިއެކު ކުރިއަށްދާ ސްކީމެއް ކަމުން ގްރާންޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެސްއެމްއީ ޑިޖިޓަލް ޕޯޓަލްއިންނެވެ.

