logo

މި ހަފްތާގަ ހިމަބިހީގެ 13 ކޭސް، ޖުމްލަ އަދަދު 199 އަށް

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި އިތުރު ބަޔަކު ހިމަބިއްސަށް ޕޮޒިޓިވް، މި އަހަރުގެ މިހާތަަނަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 199 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލޭ ސަރަހައްދުން ފެނި، މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 199 އަށް އަރާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 12،971 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައިކަމަށެވެ.

އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަސް ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަދި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކެއްގައި ވެސް ވެކްސިން ހިދުމަތް ލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.

އެގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭއިން އެދިފައިވެ އެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރެވެ. އެކަމަކު އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު މި ބަލި ޖެހިފައިވާ ބަޔަކު ފެނިފައިވެއެވެ.

ad