ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޚާއްޞަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ ލިންކު(https://forms.gle/DWpEeskHYNpuNcCJ8)މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިއީ މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން، އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސް، ބްލަޑް ޑޯނާސް އެމްވީ އަދި ލޭ އެޕް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ އެ ދުވަހުގެ ހެނދުނު9:00އިން ހަވީރު5:00އަށް ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައެވެ.
މި ހަރަކާތުގައި ލޭ ހަދިޔާކުރެވޭނީ ޝަރުތު ހަމަވާ ކޮންމެ މީހަކަށެވެ. އެގޮތުން ލޭ ހަދިޔާކުރާ ފަރާތްތަކަކީ އުމުރުން18އަހަރު ފުރިފައިވާ، ބަރުދަނުގައި މަދުވެގެން45ކިލޯ ހުރި، އަދި ސިއްހަތު ރަނގަޅު މީހުން ކަމުގައި ވާންޖެހެއެވެ.ލޭ ހަދިޔާކުރަން ދާއިރު އައިޑީކާޑު ގެންދިއުމަށްވެސް އެމްބީއެސް އިން އިލްތިމާސްކުރެއެވެ.
މީގެއިތުރުން އަރިދަފުސް ރޯގާ ނުވަތަ ހުމުގެ އަލާމާތެއް ނެތުމާއި، އެންމެ ފަހުން ލޭ ހަދިޔާކުރިތާ މަދުވެގެން3މަސްދުވަސް ވެފައިވުން ހިމެނެއެވެ.
ބައެއް ކަހަލަ ފަރުވާތައް ހޯދާފައިވާ ނުވަތަ ވެކްސިން ޖަހާފައިވާ ފަރާތްތަކުން ލޭ ހަދިޔާކުރުމުގެ ކުރިން މަޑުކުރަން ޖެހިދާނެ ކަމަށާއި، މިފަދަ ކަންކަމުގައި ޝައްކު އުފެދޭ ފަރާތްތަކަށް އެހީތެރިވުމަށް އެތަނުގައި ސްކްރީނިންގ ޓީމެއް ހަރަކާތްތެރިވާނެ ކަމަށްވެސް އެމްބީއެސް އިން މައުލޫމާތު ދެއެވެ.

