އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، މާދަމާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ އަދި އާއްމުކުރައްވާފައެއް ނުވެއެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، މާދަމާ 01:30ގައި ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިޢުލާންކުރައްވާފައެވެ.
މާދަމާ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ބާއްވަން ނިންމާފައި މިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭތީއެވެ.
ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ އަމާޒަކީ މިއަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް ދައުލަތުގެ ބަޖެޓުގެ ތެރެއިން ޚަރަދުތައް މެނޭޖުކުރުން ކަމަށެވެ.
ބަޖެޓު ހުށަހެޅުމުން ރިކަރަންޓް ޚަރަދުތަކާއި، ކެޕިޓަލް ޚަރަދުތައް ބެހިފައިވާގޮތް ހާމަވާނެއެވެ. އަދި މަޝްރޫޢުތަކާއި، މުސާރައާއި ލޯނު ދެއްކުމުގެ ޚަރަދުތަކުގެ ތަފްސީލުވެސް ބަޖެޓުން އެނގޭނެއެވެ. ހަމައެހެންމެ ސަރުކާރުން އާމްދަނީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރާ މިންވަރު ބަޖެޓުގައި ހިމަނާފައިވާނެއެވެ.
އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަަސައްކަތް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދާއި އޭގެ ތަފުސީލުތައް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މި އަހަރަށް ދައުލަތުން ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރަށް ކަނޑައެޅި ބަޖެޓުން ވަނީ، 48 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 76 ޕަސެންޓެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދަރަނި ދައްކަން މި އަހަރަށް ބަޖެޓުކޮށްފައިވަނީ 12.9 ބިލިއަން ރުފިޔާ ކަމަށްވާއިރު، އޭގެ ތެރެއިން 10.1 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ

