logo

ދައުލަތަށް ނުލިބި ހުރި އާމްދަނީ 14.5 ބިލިއަން ރުފިޔާއަށް އަރައިފި

މަރްޔަމް
9 ގަޑިއިރު ކުރިން

ދައުލަތަށް ޓެކުހާއި ޓެކްސް ނޫން ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 14.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެއެވެ.
މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ފޮތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނުލިބި ހުރި 11.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އެއް އަހަރު ތެރޭގައި އައި ބޮޑު އިތުރުވުމެކެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކައި ހުރި ފައިސާއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބެންޖެހޭ ބިމު ކުއްޔާއި އެހެނިހެން ފީތައް ގަވާއިދުން ނުދެއްކުމަކީ ދައުލަތުގެ އާމްދަނީއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެއްގެ ގޮތުގައި ބަޖެޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެންޖެހޭ ފައިސާގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބެންޖެހި ނުލިބިހުރި ފައިސާގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން އޮކްޓޯބަރު 2024 ގެ ނިޔަލަށް ކަސްޓަމްސްއަށް ނުލިބި ހުރި 381.3 މިލިއަން ރުފިޔާ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 345 އިންސައްތައިގެ ބޮޑު އިތުރުވުމަކާއެކު މިހާރު ވަނީ 1.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ކަސްޓަމްސް މެދުވެރިކޮށް ލިބެންޖެހޭ އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީތައް ގަވާއިދުން ނުލިބި ދިގުލައިގެން ދިއުމަކީ ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބޮޑު ހީނަރުކަމެއް ކުރިމަތިވާ ކަމެކެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން މިހާރަށްވުރެ ހަރުދަނާކުރަންޖެހޭކަމަށް ބަޖެޓުގައި ބަޔާންކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި ޓެކުސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ޓެކުހުގެ ގޮތުގައި ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތް އިތުރަށް ވަނީ ހަރުދަނާކުރެވިފައެވެ.

އަދި ކަސްޓަމްސްއިން ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ކަސްޓަމްސްގެ ފިސްކަލް ކަންކަމާ ގުޅޭ ޒިންމާތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.މާލީ ވުޒާރާއިން ލަފާކުރާ ގޮތުގައި މި ބަދަލާއެކު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީތައް ނެގުމުގައި ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ.

ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުޑަކޮށް، މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ނުލިބި ހުރި މި ބޮޑު އަދަދުގެ ފައިސާ ހޯދުމަކީ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތެވެ.

ad