logo

އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން މެންދުރު ފަހު 3:30 އާ ހަމައަށެވެ.މި ވަގުތުތަކުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މާލާއި 15 މޭލާ ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވަމުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. ކުރިއަށް އޮތް 2 ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހިފައިވާ މިންވަރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އިފުރަށާއި، ބ. ދަރަވަންދޫއަށާއި، ށ. ފުނަދޫގެ އިތުރުން ކ. ދިއްފުށްޓަށެވެ.

ad