logo

ޝަމްއާން މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކުރަން ފުލުހުންނަށް އަންގައިފިން: އިހްސާން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައި، އެކަން ހިނގައިދިޔަ ގޮތް ހާމަ ކުރަން ހޯމް މިނިސްޓަރު، އަލީ އިހުސާން ފުލުހުންނަށް އަންގަވައިފިއެވެ.

ޝައްމާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ އިއްޔެއެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ކުށް ސާބިތުވެގެންނެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިހްސާން ވިދާޅުވީ ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަމަަށާއި، މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދޭ ކަމަށެވެ.

ޝައްމާން ވަނީ މިނިސްޓަރ އިހުސާންއަށް ބޮޑެތި ތުހުމަތުތައް ވެސް ކޮށްފައެވެ. އެގޮތުން ވިދާޅުވީ ދިވެހިރާއްޖޭގެ މައި ދޮރާށި (ބޯޑަރ ކޮންޓްރޯލް ސިސްޓަމް) މިނިސްޓަރ އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވަނީ ވިއްކާލާފަ ކަމަށާއި، މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އަދި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިންް ސީދާ ރައީސް މުއިއްޒު ގުޅި ކަމަށެވެ. އެމައްސަލައިގައި އެންމެ ފަހުން ގުޅިދުވަހު ’މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ކޯފާ އިސްކުރައްވާ އިންޒާރު ދެއްވި ކަމަށް ވެސް ތުހުމަތު ވަނީ ކުރައްވާފައެވެ.

ޝައްމާން ތުހުމަތު ކުރާ ގޮތުގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ މިނިސްޓަރ އިހުސާން އަދި އެޓަރނީ ޖެނެރަލް އުޝާމް އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. މިކަމާއި ގުޅޭ ހެކި، ފުލުހުން އަތުގައި އަދިވެސް އެބައޮތް ކަމަށާއި، ފޯންގައި ހުންނާނެ ކަމަށެވެ. މި މަސައްކަތް ސިއްރިއްޔާތުގައި ހިނގަމުން ދާ ކަމަށް ވިދާޅުވިއެވެ.

އިހްސާން ރައްދުގަ ވިދާޅުވީ ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އޮންނާނީ ދަންނަވާފަ ކަމަށެވެ.

ޝައްމާންގެ މައްޗަށް އިއްޔެ ކުރި ދައުވާގައި ދައުލަތުން ކުރި ތިން ދައުވާ ވެސް އޭނާ ގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ޝަމްއާންގެ މައްޗަަށް ދައުލަތުން ދައުވާ ކުރީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގގެ ދައުވާއެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. އަދި ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗް 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން ދިފާއުގައި އޭނާގެ މަންމައާއި ބައްޕަ އަދި އަންހެނުންވެސް ހެކިބަސް ދީފައިވެއެވެ.

ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތެރެެއިން އެއް ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ދެވަނަ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އިއްވީ 2 އަހަރުގެ ޙުކުމެކެވެ.

ތިންވަނައަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއެވެ. މަނީ ލޯންޑަރިންގ ގެ ދައުވާގައި 15 އަހަރުގެ ޙުކުމެއް އިއްވައި، 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ޙުކުމްކޮށްފައެވެ.

މި ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް އޭނާ އަށް މި ދައުވާ ތައް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.

ad