logo

މާލޭގެ ދެ ގެއެއްގައި އަލިފާނުގެ ހާދިސާތަކެއް

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

މާލޭގެ ދެ ސަރަހައްދެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާތަކެއް ހިނގައި، ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މާފަންނު ޖާޔާކުޝަން ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ކޮންޓްރޯލްކޮށްފައެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މުނިޔާމަގުގައި ހުރި އިމާރާތެއްގައި ކަމަށާއި، ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޯވި އިމާރާތާ ޖެހިގެންހުރި ގޭގައި ދިރިއުޅެމުން އައިމީހުން ވަނީ އެތަނުން ހުސްކޮށްފައެވެ. ޑިޒާސްޓާއިން ބުނީ ހުސްކުރި ގޭގައި 10 ބިދޭސީއަކު އުޅެމުންދިޔަ ކަމަށެވެ.

އިމާރާތުގައި ރޯވި ސަބަބެއް އަދި މިހާތަނަކަށް ސާފެއް ނުވެއެވެ. މި ހާދިސާ ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހެނދުނު 09:19 ހާއިރުއެވެ. ފުލުހުން ބުނީ މި ހާދިސާ ތަހްގީގްކުރަމުންދާކަމަށެވެ.

މީގެ އިތުރުން، ގަލޮޅު މިތުރުގޭގައި ހުރި ގޮދަޑިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު ހެނދުނު 08:40 އެހާކަންހާއިރު ވަނީ ރިޕޯޓުކޮށްފައެވެ. އެ ހާދިސާއާ ގުޅޭ ގޮތުން، ފުލުހުން ބުނީ ގ. މިތުރުގޭގައި ރޯވީ ގޮދަޑިއެއްގައި ކަމަށާއި އަލިފާން ނިއްވައިލައިފައިވާ ކަމަށެވެ.

އެންޑީއެމްއޭއިން ބުނީ އެހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ،. އެއީ ހަތަރު މީހުން ދިރިއުޅޭ ގެއެއްކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަހު މާލެ ސަރަހައްދުން އަލިފާނުގެ އިތުރު ހާދިސާތަކެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލެ ފުރަތަަމަ ފިޔަވަހީގެ 110ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓުގައި ރޯވިއެވެ. އެ ހާދިސާގައި ތިން އެޕާޓްމަންޓެއްގައި ދިރިއުޅެމުންދިޔަ ޖުމްލަ 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނެވެ.

ad