logo

ޙައްޖުގެ އަގު ކުޑަކުރަން ދަނީ މަސައްކަތްކުރަމުން، އަމާޒަކީ ރައްޔިތުންގެ އަތުން މިހާރުދައްކަމުންދާ އަދަދުގެ %50 ނެގުން: ވަޒީރު ޑރ.ޝަހީމް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
14 ގަޑިއިރު ކުރިން

ޙައްޖުގެ އަގު ހެޔޮ ކުރުމަށް ދަނީ މަސައްކަތްކުރަމުން ކަމަށާއި، ރައްޔިތު މީހާ އަތުން ދައްކަންޖެހޭ ބައި ލުއިކޮށް މަދުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފަސް އަހަރުދުވަހަށް މިކަމަށް ޕްލޭނެއް ހަދައިގެން މަސައްކަތްކުރަން އަޒުމް ކަނޑައަޅައިގެން އަނެއްކާވެސް ސިޔާސަތުތަކެއް ކަނޑައަޅާފަވާ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން މިހާރު ރާއްޖެއިން ޙައްޖަށް މީހުން ގެންދަނީ 69,965 ރުފިޔާއަށެވެ.

ވަޒީރު ވިދާޅުވީ މިހާރު ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގަކީ މީގެ ވަރަށް ގިނަ ދުވަސްތަކެއް ކުރިން ކަނޑައަޅާފައިވާ އަގެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒިރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އަތުން މިހާރުދައްކަމުންދާ އަދަދުގެ %50 ނެގުންކަމަށާއި ޙައްޖު ކޯޕަރޭޝަންގެ ތެރޭގައި ފައިސާ ޖެނަރޭޓްކުރެވޭނެ އިޤްތިޞާދީގޮތުން ވަޞީލަތްތައް ޤާއިމްކުރުމުން ކާމިޔާބުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ރަނގަޅު ގޮތުގައި ޙައްޖުގެ ކިއުނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްކަމަށެވެ.

ad