logo

ޑެންގީ ހުން އިތިރުވާތީ ސަމާލުވާން އެދިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

މި ދުވަސްވަރު ޑެންގީ ހުން އިތުރުވާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭއިން ކޮށްފައިވާ އިލްތިމާސް އެއްގައި ބުނެފައިވަނީ މަދިރި ހެފުމުން ރައްކާތެރި ވުމަށާއި، މަދިރި އާލާވާތަންތަން ނައްތާލުމަށާއި، ފެންހަރުލާފަ ހުންނަ ތަކެތި ހަފްތާއަކު އެއްފަހަރު ބަދަލު ކުރުމަށެވެ.

ޑެންގީ މަދިރި އާންމުކޮށް ހަފަނީ ދުވާލު ވަގުތުތަކުގައި ކަމުން މިަކަމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އެދިފައެވެ.

މި ބަލި އާންމުކޮށް ފެތުރެނީ ޑެންގީ ޖެހިފައިވާ މިހެއްގެ ގައިގައި އީޑީސް މަދިރި ހެފުމައްފަހު ބަލި ފަތުރާ މަދިރިގޮސް ހެފުމައްފަހު ދެވަނަ މީހެއްގެ ގަޔަށް ބަލި ފެތުރުމުންނެވެ.

އެހެންކަމުން ރައްކާތެރިވުމަށް މަދިރި ލޯޝަންލުމާއި، ސްޕްރޭ ބޭނުން ކުރުމާއި، ކުޑަ ދޮރު ތަންތާގައި މަދިރި ދާ ޖެހުމައި، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާ ކުރުމަށް އިލްތިމާސް ކޮށްފަ ވެއެވެ.

މިބައްޔަށް ޕޮޒިޓިވް ވެއްޖެ ނަމަ 2 ނުވަތަ 7 ދުވަހުގެ ތެރޭގައި އަލާމަތްތައް ފެންނާނެ ކަމަށާއި، އެގޮތުން ލޮލާއި ލޮލުގެ ވަށައިގެންވާ ސަރަހައްދުގައި ރިއްސުމާއި، 39 ޑިގްރީ ސެލްސިއަސް އަށްވުރެ ހުންގަދަ ވުމާއި، ގަދައަށް ބޮލުގައި ރިއްސުމާއި، ގައިގަ ރަތް ބިހިތަކެއް ނެގުމާއި، ހުޅުހުޅުގައި ރިއްސުމާއި،އެކު ހުޅު ދުޅަވުމާއި، ބަނޑުގައި ރިއްސާ މޭނުބައި ކުރާނެއެވެ. އަދި ބަލި ނުރައްކާވާ ހިސާބުން އާދަޔާ ޙިލާފަށް ވަރު ދެރަވުމާއި، ހަށިގަނޑުގެ އެކިތަންތަނުން އާންމުކޮށް ނޭފަތާއި، ހިރުގަނޑުންނާއި، ހަނގަނޑުން ލޭ އައުމާއި، ގަދަޔަށް ބަނޑުގައި ރިއްސުން ވެސް އެއީ ނުރައްކާތެރި އަލާމްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

މިބަލިން ސަމާލުވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި، ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފް ކުރުމާއި، ގަސްމުށި ތާންގީ ފަދަ ތަކެއްޗަށް ފެންނޭޅޭ ފަދަ ގޮތަށް ބެހެއްޓުމާއި، އާންމުތަންތަން މަގުމަތީ އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ވެސް ފެންހަރުލާ ގޮތަށް ހުންނަ ( ހުސްފުޅި އާއި ދަޅު ބަންޑުން ޖެހުމާއި، މަދިރި ފަނި ނައްތާލުމަށް ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުން ކުރުމާއި، ދައުރުނުވާ ގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސްލުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މިދުވަސްވަރަކީ އާންމު އެހެން ބަލިތައްވެސް އިތުރު ދުވަސްވަރެއްކަމުން އާންމުން ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ad