ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލުން ނެގި 29 މިލިއަން ޑޮލަރުގެ ލޯނަކަށް ފައިސާ ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ރަހުނު ކުރައްވާފައިވާ ތިން ރަށެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފިއެވެ.
މޫސަގެ ހެވީ ލޯޑް މޯލްޑިވްސްގެ އިތުރުން އޭނާގެ ދަރިކަލުން މުދުރިކަތު މޫސާ އާއި ދަރިކަނބަލުން ބުޝައިނަތު މޫސާގެ ނަމުގައި ރަހުނުކޮށްފައިވާ މި ރަށްތައް ވިއްކާލަން ހުއްދަ ދިނީ މިދިޔަ މަހުގެ 28ގައި ނެރުނު އަމުރެއްގައެވެ.
ވިއްކާލަން ހުއްދަ ދިން މި ރަށްތަކުގެ ތެރޭގައި ހިމެނެނީ ލ. ފަރެހާއި އެ ރަށުގައި ތަރައްގީކުރާ ރިސޯޓުގެ އިތުރުން ލ. ބޮޑުހުރާ އަދި ލ. ކުޑަފަހަރެހުގެ ހެޑްލީސް ރައިޓްސްއެވެ.
ސިވިލް ކޯޓުން އެ ހުއްދަ ދިނީ 2020 ގެ ޖުލައި މަހު އެ ދަރަނި ދެއްކުމަށް ކުރި ހުކުމާ އެއްގޮތަށް ހެވީ ލޯޑުން ފައިސާ ދައްކާފައި ނުވާތީއެވެ.
އެގޮތުން ދައްކަން ޖެހޭ ޖުމްލަ އަދަދަކީ 29.5 މިލިއަން ޑޮލަރެވެ.
މުދާ ވިއްކާލުމަށް ބޭންކުން އެދުމުން، ރަހުނު ކުރި ފަރާތްތަކުން އެކަމަށް އިއުތިރާޒުކޮށްފައެއް ނުވެއެވެ.
ގާޒީ ރިޒްމީނާ އިދުރީސް ނެރުއްވި އަމުރުގައިވާ ގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރަހުނުތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބެ އެވެ. އެގޮތުން ފުރަތަމަ މަހު 46.6 މިލިއަން ޑޮލަރަށް، ދެވަނަ މަހު 40.8 މިލިއަން ޑޮލަރަށް އަދި ފުރަތަމަ ދެ މަހު ނުވިއްކިއްޖެ ނަމަ ތިންވަނަ މަހު 38.7 މިލިއަން ޑޮލަރަށް ވިއްކާލުމުގެ ފުރުސަތު އޮންނާނެ އެވެ.
މި މުއްދަތުގެ ތެރޭގައި ރަށްތައް ވިއްކާލެވިއްޖެ ނަމަ، އެކަން ކޯޓަށް އަންގައި، 10 ދުވަހުގެ ތެރޭގައި ލިބޭ ފައިސާ ކޯޓަށް ޖަމާކުރަން ޖެހެ އެވެ. އަދި އެ މުއްދަތުގައި ނުވިއްކިއްޖެ ނަމަވެސް، މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އަންގަން ޖެހޭނެ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

.jpg&w=3840&q=75)