logo

ކޯޕަރޭޓް ގަވަނަންސް ކޯޑް އަށް އެންމެ ފުރިހަމައަށް އަމަލު ކުރި ކުންފުންޏަކަށް އެސްޓީއޯ ހޮވިއްޖެ

މަޒީ
10 ގަޑިއިރު ކުރިން

"ކޯޕަރޭޓް ގަވަނަންސް ކޯޑް 2025" އަށް އެންމެ ފުރިހަމައަށް އަމަލުކުރި ކުންފުންޏަކަށް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހޮވިއްޖެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކުރިއަށްގެންދިޔަ އެސެސްމަންޓުގައި އެސްޓީއޯ ވަނީ 97.5 އިންސައްތައިގެ ފުރިހަމަ ކޮމްޕްލަޔަންސް ރޭޓެއް ހާސިލުކޮށްފައެވެ. ސީއެމްޑީއޭގެ ރިޕޯޓުގައިވާ ގޮތުން، މި އެސެސްމަންޓުގައި ބައިވެރިކުރި ލިސްޓެޑް ކުންފުނިތަކުގެ ޖުމްލަ އެވްރެޖް ކޮމްޕްލަޔަންސް ރޭޓަކީ 92.9 އިންސައްތައެވެ. އެހެންކަމުން އެސްޓީއޯގެ މި ނަތީޖާއަކީ ގައުމީ އެވްރެޖަށްވުރެ 4.6 އިންސައްތަ މަތީ ނަތީޖާއެކެވެ.

މި އެސެސްމަންޓް ހަދާފައިވަނީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ 8 ކުންފުންޏެއްގެ މައްޗަށެވެ.އެއީ އެސްޓީއޯ،މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)،ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)،އެލައިޑް އިންޝުއަރެންސް (އޭޓީއެމް)،މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)،ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)،ދިރާގު (ޑީއެޗްއާރު) އަދި އުރީދޫ މޯލްޑިވްސްގެ ގުޅުންހުރި ކުންފުންޏެއް ކަމަށްވާ އޯއެމްޕީއެލްއެވެ.

މީގެ އިތުރުން އެމްޓީސީސީ އަދި ސީޕީއެލްސީ މި އެސެސްމަންޓުގައި ނުހިމެނުނީ، ޑެޑްލައިން ކަމަށްވާ ޖޫން 30 ގެ ކުރިން އެ ކުންފުނިތަކުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ޝާއިއުކޮށްފައި ނުވާތީއެވެ. މި އެސެސްމަންޓުގައި އެންމެ މަތީ ސްކޯއެއް އެސްޓީއޯ އިން (97.5 އިންސައްތަ) ހޯދިއިރު، އެންމެ ދަށް ސްކޯއެއް ލިބުނީ އެމްޓީޑީސީ އަށެވެ. އެއީ 88.6 އިންސައްތައެވެ.

ކުންފުނިތަކުގެ އަހަރީ ރިޕޯޓުތަކާއި އެހެނިހެން ލިޔެކިޔުންތަކަށް ބަލައި ހެދި މި އެސެސްމަންޓުގައި ޖުމްލަ 633 މިންގަނޑަކަށް ބަލާފައިވެއެވެ. އޭގެ ތެރެއިން 588 މިންގަނޑަކަށް ކުންފުނިތަކުން ފުރިހަމައަށް އަމަލުކޮށްފައިވާއިރު، އިސްލާހުކުރަންޖެހޭ 45 ކަމެއް ވަނީ ފާހަގަކުރެވިފައެވެ. އަދި 55 ކަމަކީ އެ ކުންފުނިތަކާ ނުގުޅޭ ކަންކަމުގެ ގޮތުގައި ވަނީ ނިންމާފައެވެ. މިއިން ދައްކުވައިދެނީ ރާއްޖޭގެ ކުންފުނިތަކުން ކޯޑަށް އަމަލުކުރުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެސްޓީއޯ އިން ވަނީ މިދިޔަ އަހަރު ޑިރެކްޓަރުން ތަމްރީނު ކުރުމަށް 8 ޕްރޮގްރާމެއް ހިންގައި، ޖުމްލަ 1،025،597 ރުފިޔާ ހޭދަކޮށްފައެވެ. މީގެއިތުރުން ހިންގުމުގެ ނިޒާމަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ މަހަކު އެއްފަހަރު ނެރޭ ނިއުސްލެޓާގެ 12 އަދަދު އެސްޓީއޯ އިން ނެރެފައިވެއެވެ. ބައެއް ކުންފުނިތަކުން މި މިންގަނޑުތައް ފުރިހަމަކޮށްފައި ނުވާއިރު، އެސްޓީއޯގެ މި އިންވެސްޓްމަންޓަކީ ބޯޑުގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ރިޕޯޓުން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ކުންފުނީގެ ބޯޑު މެންބަރުންގެ ތިންބައިކުޅަ އެއްބައި ކޮންމެ އަހަރަކު އަލުން އިންތިހާބު ކުރުމަށް އޮންނަ މާއްދާއެވެ. މިއީ ހިއްސާދާރުންގެ ބައިވެރިވުން އިތުރުކޮށް ބޯޑުގެ ޖަވާބުދާރީވުން ވަރުގަދަކުރުމަށް ކަނޑައަޅާފައިވާ މުހިންމު އުސޫލެކެވެ.

އެސެސް ކުރެވުނު 8 ކުންފުނީގެ ތެރެއިން މި މާއްދާއަށް ފުރިހަމައަށް އަމަލުކޮށްފައިވަނީ ހަމައެކަނި އެސްޓީއޯ އިންނެވެ. ދެން ތިބި 7 ކުންފުނިން ވެސް މި މިންގަނޑަށް އަމަލުކޮށްފައެއް ނުވެއެވެ. ރިޕޯޓް ދައްކާގޮތުން، މި މާއްދާއަށް އަމަލުނުކުރާ ނިސްބަތް 2024 ވަނަ އަހަރު 0 އިންސައްތައިގައި ހުރުމަށްފަހު، 2025 ވަނަ އަހަރު ވަނީ 87.5 އިންސައްތައަށް އުފުލިފައެވެ. މިއީ ހުރިހާ ކުންފުނިތަކަކުން ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ސީއެމްޑީއޭ އިން ފާހަގަކުރެއެވެ.

ކުންފުނިތަކުގެ ޖުމްލަ ނަތީޖާ ރަނގަޅުވި ނަމަވެސް، އެންމެ ދަށުން ނަތީޖާ ލިބުނު ދާއިރާއަކީ އޮޑިޓް އަދި އިންޓާނަލް ކޮންޓްރޯލްގެ ދާއިރާއެވެ. މި ދާއިރާގެ ކޮމްޕްލަޔަންސް ރޭޓަކީ 86.8 އިންސައްތައެވެ. ފާހަގަކުރެވުނު 45 މައްސަލައިގެ ތެރެއިން 18 މައްސަލަ (40 އިންސައްތަ) ގުޅިފައިވަނީ މި ދާއިރާއާއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މި ރިޕޯޓުން ދައްކައިދެނީ، އެސްޓީއޯ އަކީ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމުގައި ރާއްޖޭގެ އެހެން ކުންފުނިތަކަށް މިސާލު ދައްކަމުން އަންނަ އެންމެ ކުރީ ސަފުގެ ކުންފުނި ކަމެވެ. ނަމަވެސް، މިއީ އަބަދުވެސް ދަމަހައްޓަންޖެހޭ ޒިންމާއެއް ކަމަށާއި އިސްލާހުކުރަން ހުރި ކަންކަމަށް ހުރިހާ ކުންފުނިތަކުން ވެސް އަބަދުވެސް ސަމާލުކަން ދޭންޖެހޭނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ސީއެމްޑީއޭގެ އެސެސްމަންޓުން އެސްޓީއޯ ހޯދި 97.5 އިންސައްތައިގެ ކާމިޔާބީއަކީ މުޅި ރާއްޖޭގެ ހިއްސާގެ ބާޒާރަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ޑިރެކްޓަރުން ތަމްރީނުކުރުމަށް ކުރި ބޮޑު ހޭދައާއި، ގަވާއިދުން ނެރުނު ގަވަނަންސް ނިއުސްލެޓަރުތަކުގެ އިތުރުން، ބޯޑުގެ ތިންބައިކުޅަ އެއްބައި މެންބަރުން އަހަރަކު އެއްފަހަރު އިންތިހާބުކުރުމުގެ މިންގަނޑަށް އެ ކުންފުނިން އަމަލުކޮށްފައިވުމަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.

ad