މީޑިއާ ވިލެޖުގެ އަމަލީ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ މިހާރުކުރިޔަށްދަނީ މީޑިއާ ވިލެޖު ނިންމުމުގެ އެންމެފަހުގެ މަސައްކަތްތައްކަމަށެވެ.

އެޗްޑީސީން ދިވެހިޗެނަލްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިމަހުގެ 31 ވަނަ ދުވަހަށް ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށެވެ. މިހާރު ކުރިޔަށްދަނީ ފާރުތަކުގައި ކުލަލުމާ އޮފީސް ޕާޓްޝަންތައް ޖެހުމާއި ސީލިންގްގެ މަސައްކަތްތަކާއި އަދިވެސް އިމާރާތުގައި ނުނިމިހުރި ކުދިކުދި މަސައްކަތްތައް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "މެންހެޓަން ގްރޭންޑް ހޮޓެލް"ގެ ގްރައުންޑް ފްލޯގައި ތަރައްގީކުރަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނެއެވެ. އަދި މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު މި އަހަރުގެ މެދު ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުވަނީ ވިދާޅުވެފައެވެ.

މީޑިއާ ވިލެޖަކީ މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިޔޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާންޖެހިފައި އޮންނަ މިދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީ އިން މީޑިއާ އިތުރަށް ތަރައްގީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނޭ އޮފީސް އަދި ސްޓޫޑިޔޯ ޖާގަ ހިމެނޭ ގޮތަށް އިމާރާތް ކުރާ ތަނެކެވެ.

