logo

އިސްރާއީލު ޑިފެންސް މިނިސްޓަރުގެ އިންޒާރު: ހޫޘީ ލީޑަރު މަރާލައި، އިސްރާއީލު ދިދަ ވަރަށް އަވަހަށް ސަންޢާގައި އުފުލާނަން

ސައިފު އަޒުހަރު
19 ދުވަސް ކުރިން
އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ޔިސްރާއިލް ކާރޒް

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ޔިސްރާއިލް ކާރޒް

އިސްރާއީލުގެ ދިދަ، ވަރަށް އަވަހަށް ޔަމަނުގެ ވެރިރަށް ސަންޢާގައި ނަގާނޭ ކަމަށް ބުނެ، އިސްތިއުމާރީ އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ޔިސްރާއިލް ކާރޒް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

ކާރޒުގެ އިންޒާރު އައީ ޔަމަނުގައި ވެރިކަންކުރާ ހޫޘީންގެ ލީޑަރު އަބްދުލް މާލިކް އަލް-ހޫޘީއަށެވެ.

މި އިންޒާރުތައް އައީ، އިސްރާއީލުގެ އީލާތަށް ހޫޘީން އިއްޔެ ޑްރޯން ހަމަލާއެއް ދިނުމާއި،، ތެލް އަވީވަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދިނުމުން އެކަމުގެ ރައްދުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހޫޘީން ތެލް އަވީވަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއަކީ، މުޖުރިމު ނަތަންޔާހޫ މަރާލަން އަމާޒުކޮށް ދިން ހަމަލާއެކެވެ. ނަމަވެސް، އޭނާވަނީ ސަލާމަތްވެފައެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ޔިސްރާއިލް ކާރޒް ބުނެފައިވަނީ، ހޫޘީ ލީޑަރުގެ ނިމުން "ވަރަށް ގާތްވެއްޖެ" ކަމަށެވެ.

އިސްރާއީލާއި ޔަހޫދީން ނެތިކޮށްލުމުގެ ޝިއާރު ހިމެނޭ ހޫޘީންގެ ދިދަ ވީދައި، ޔަމަނުގައި ވަރަށް އަވަހަށް އިސްރާއީލުގެ ދިދަ ވިހުރުވޭނޭ ކަމަށް ކާރޒް ބުނެފައި ވެއެވެ.

އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަންޢާއާއި، ޔަމަނުގެ އެހެން ރަށްތަކަށް ދޭތެރެ ދޭތެރެއިން ބޮން އަޅަމުން ދިއުމާއި، ޔަމަނުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް ބައްދަލުކުރަމުންދިޔަ އިމާރާތަށް ބޮންއަޅައި އެންމެ އަވަހާރަ ކޮށްލުމުންވެސް ހޫޘީން އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކެއް ނުހުއްޓުވެއެވެ.

ބެލިސްޓިކް މިސައިލާއި ޑްރޯން ފޮނުވައި ހޫޘީން އިސްރާއީލުގެ ރަށްތަކަށް ހުއްޓާނުލާ ހަމަލާތައް ދެމުންގެންދާއިރު، ހޫޘީންވަނީ ކަނޑުމަގުވެސް އިސްރާއީލަށް ބަންދުކޮށްފައެވެ.

އިސްތިއުމާރީ އިސްރާއީލަށް ހޫޘީން ހަމަލާތައް ދެމުން ގެންދަނީ، ޣައްޒާގައި ހިންގާ އުދުވާނުތައް ހުއްޓުވަން އިސްރާއީލަށް ޕްރެޝަރ ކުރުމުގެ ގޮތުންނެވެ.

ކަށަވަރު ނުވާ ރިޕޯޓްތައް ބުނާގޮތުގައި، ވައިގެ ހަމަލާތައް ދީގެން ހޫޘީން ނުހުއްޓުވުމުން، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީއާ ގުޅިގެން އިސްރާއީލުން މިހާރު ތައްޔާރުވަމުންދަނީ އެއްގަމުމަގުން ޔަމަނަށް އަރައިގަތުމަށް ތައްޔާރުވަމުންނެވެ.

ސައުދީ އަރަބިއްޔާއާއި ޕާކިސްތާނާ ދެމެދު އިހަށްދުވަހު ސޮއިކުރި ދިފާއީ އެއްބަސްވުމުގެ ދަށުން، ޕާކިސްތާނުން ފޮނުވާ 25000 ސިފައިން ޖަމާކުރަނީ ސައުދީ – ޔަމަން ބޯޑަރަށް ކަމަށާއި، މިއީ ޔަމަނަށް ހަމަލާދިނުމުގެ ތައްޔާރީތަކުގެ ބައެއް ކަމަށް ވާހަކަތައް ފެތުރެމުން އެބަދެއެވެ.

ޔަމަނަށް ހަމަލާދޭން އުޅެފިނަމަ ސައުދީ – ޔަމަން ބޯޑަރަކީ ޕާކިސްތާނު ސިފައިންގެ ގަބުރުސްތާނަކަށް ހަދާލާނޭ ކަމަށް ބުނެ ހޫޘީން މިހާރުވެސްވަނީ އިންޒާރު ކޮށްފައެވެ.

ad