logo

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ކެނޑޭ ލިމިޓް 1،000 ޑޮލަރަށް އިތުރު ކުރަން ނިންމައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
15 ދުވަސް ކުރިން

ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ރާއްޖެ އިން ބޭރުން މިހާރު ޑެބިޓް ކާޑުން ކެނޑެނީ 500 ޑޮލަރެވެ.

މ. މުލީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާކަމަށެވެ.

ބޭސްފަރުވާ އަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް ނޮވެމްބަރު 11 އިން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރުން ފައިސާ ދެއްކޭ އަދަދު ނޮވެމްބަރު 11 އިން ފެށިގެން މަތިކުރަނީ އެ ބޭންކުގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.

މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ އަގުބޮޑުކޮށް ބްލެކް މާކެޓުގައި ޑޮލަރު ގަނެގެން ދިވެހިން އުޅެން ޖެހޭ "އަޅުވެތިކަމުން" އަރައިގަތުމަށް އަޅާ މުހިންމު ފިޔަަވަޅުތަކެއް ކަމަށެވެ.

އޭގެ އިތުރުން ރައީސް ވަނީ ބީއެމްއެލްގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް މިއަދު ހަމަޖެއްސި ކަން ވެސް ފާހަގަ ކުރައްވައިފައެވެ.

ޔުއާން އިން އެކައުންޓު ހުޅުވޭނެ ގޮތަށް ހަމަޖައްސެމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޓިޑް ކާޑު ތައާރަފުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިންޑިއަން ރުޕީސް ބޭނުން ކުރެވޭ ގޮތް ހަމަޖައްސަން ބީއެމްއެލަށް މިހާރު ވެސް ވާނީ އަންގަވައިފައެވެ.

ދިވެހި ވިޔަފާރިވެރިން ޗައިނާ އިން ވަރަށް ބޮޑަށް ވިޔަފާރި ކުރާކަމަށާއި އޭގެ ނަތީޖާ ވަރަށް ބޮޑު ތަނުން ރަނގަޅުވާނެ.ކަމަށާއި ޖެނުއަރީ އެކަކުން ފެށިގެން ޗައިނާ ފައިސާގެ އެކައުންޓްތަކަށް ހާއްސަކޮށް ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރާ ކާޑު، ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ތައާރަފު ކުރެވިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެއީވެސް ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އާއި އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ހަމަޖެހިގެން ދިޔުމުން ދިވެހި ވިޔަފާރީގައި ބޭނުންކުރާ ޑޮލަރަށް އޮތް ޑިމާންޑު ކުޑަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ad