ބަޔާނުގައި ހިމެނޭ ވާހަކަތައް އަމަލުން ދެއްކުމަށް، ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން ގޮވާލައިފިއެވެ.
ހަމާސްއިން މިކަމަށް ގޮވާލީ، ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރުމާ ގުޅޭގޮތުން ބޭއްވި އދގެ އާންމު މަޖިލީހުގެ ޚާއްސަ ޖަލްސާއަށް ފަހު ސައުދީ އަރަބިއްޔާ އަދި ފަރަންސޭސިވިލާތުން ނެރުނު ގުޅިފައިވާ ބަޔާނާ ގުޅިގެންނެވެ.
އެ ބަޔާނުގައި، މައްސަލަ ހައްލުކުރުމަށްޓަކައި، ދެދައުލަތުގެ ހައްލަކަށް ދިއުމަށް ބައިނަލްއަގުވާމީ ގޮތުން ކުރެވެމުންދާ މަސައްކަތްތަކާއި، ވައުދުތައް އަލުން އައުކޮށްދޭ ކަމުގެ ޔަގީންކަން ދީފައި ވެއެވެ. އެކަމަށް ފަސްނުޖެހޭނޭ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.
މި ބަޔާނަށް ހަމާސްއިން ވަނީ މަރްހަބާ ކިޔާފައެވެ.
އަދި ބުނެފައިވަނީ، ބަޔާނުގައި ހިމެނޭ ވާހަކަތަކަށް އަމަލީ ސިފަ ގެނައުމަށް އާރުލާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައި ވެއެވެ.
އެގޮތުން ކުރާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވާންވާނީ، ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ދާއިމަށް ހުއްޓުވައި، ގައިދީން ބަދަލުކޮށް، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރެވި، ޣައްޒާއިން އިސްރާއީލު ސިފައިން ފައިބައި، އަދި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހެދުން ހުއްޓުވައި، ބިންތަކަށް ވެރިވެގަތުންވެސް ހުއްޓުވުން ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.
އާންމު މަޖިލީހުގެ ޚާއްސަ ޖަލްސާގެ ތެރޭގައި، އިތުރު ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން، ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ރަސްމީގޮތުން ގަބޫލުކުރާ ގައުމުތަކުގެ އަދަދު މިހާރުވަނީ 157 އަށް އަރާފައެވެ. މިއީ، މުޅި ބައިނަލްއަގްވާމީ މުޖުތަމައު ތަމްސީލުކުރާ އަދަދުން 81 އިންސަތައެވެ.
އދގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 193 އެވެ.
ފަލަސްތީނު ދައުލަތާ ގުޅޭގޮތުން ބޭއްވި ޚާއްސަ ޖަލްސާއަށްފަހު އދގެ އާންމު މަޖިލީހުގެ ރަސްމީ ޖަލްސާ މިހާރުވަނީ ފަށާފައެވެ. މި ޖަލްސާގައިވެސް ގައުމުތަކުގެ ވެރިންގެ ވާހަކަފުޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރާނި ޣައްޒާ ހަނގުރާމައަށް ކަމަށް ބެލެވިފައި ވެއެވެ.