ސްޓެލްކޯއިން ހިންގި ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ. މި ކޯހުގެ ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާއެވެ.
މިއީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދިޔަ ކޯހެކެވެ. ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކޯހުގައި ބައިވެރިވެ 116 ކަނބަލުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ. މި ކޯހުގައި ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ސްޓެލްކޯގައި ތިއްބެވި ޢިލްމާއި ހުނަރުގެ ގޮތުން އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. މި ކޯހުގެ މަޤުޞަދަކީ ކަރަންޓުގެ ދާއިރާއަށް ކަނބަލުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާއިން ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ދާއިރާއަށް އަހުލުވެރިކޮށް، އެމަގަށް ހަރުދަނާ ބިންގަލެއް އަޅައިދިނުންކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ..jpeg&w=3840&q=75)
މި ކޯހުގައި ހިމެނުނު ބައިތަކަކީ:
• ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މަޢުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތް
• ވަޔަރު ކުރުމަށް ބޭނުންވާ ޖެހޭ ސާމާނު
• އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މަޢުލޫމާތު
• ގޭބިސީގައި އެންމެ އާންމުކޮށް ބޭނުންކުރާ ކަރަންޓު އާލާތްތައް ކަމުގައިވާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރުން
• ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް
• ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ސާމާނު ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތް
• ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތައް
ކޯސް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު ބައިވެރިންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ ޚާއްސަކޮށް ފިރިހެން ބޭފުޅުން ޑޮމިނޭޓް ކުރަމުން އަންނަ ދާއިރާއަކަށް ކަނބަލުން ތަމްރީނު ކުރުމަކީ އޭގެ ސަބަބުން ވަރަށް އެދެވޭ، ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއްކަން ޔަޤީންކަމަށެވެ. އެގޮތުން މި ކޯހަކީ ކަނބަލުންނަށް އަމިއްލަ ދިރިއުޅުމުގައި ގޭތެރޭގައި ޖެހޭ ކަރަންޓުގެ ކުދިކުދި ކަންތައްތައް އެހެން އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ އަމިއްލައަށް ކޮށްލުމުގެ ފުރުޞަތު ލިބިގެންދިއުމާ، އަދި މި ދާއިރާއިން އާމްދަނީ ހޯދުމުގެ ވިސްނުންތެރިކަމާއެކު، އެކަމުގެ އަސާސީ ހުނަރު ދަސްކޮށްދެވި އޭގެ ތެރެއަށް ނުކުތުމަށް އެދެވިގެންވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށްވެސް ޝަމާހް ވިދާޅުވިއެވެ..jpeg&w=3840&q=75)

.jpg&w=256&q=75)
