logo

ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ތިންވަނަ ފިޔަވަހި، ސެގްމެންޓް ދޭއް އިން ފަހެއްގައި ހިމެނޭ ސަރަހައްދުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ މާލޭ ނޯތު ސައިޑް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ، ސެގްމަންޓް 2 އިން ސެގްމަންޓް 5 ގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލާއި މަސްވެރިން ޕާކާއި ދެމެދު އޮންނަ ޖެޓީ ސަރަހައްދުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްގެންދާ ކަމަށެވެ.

ބާސެލޯ ނަސަންދުރަ އިން ފެށިގެން ބޮޑުތަކުރުފާނުމަގު-ޗާންދަނީމަގު ކަންމައްޗާއި ހަމައަށް ހިމެނޭ އެ ސަރަހައްދުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ކުރެވެމުން ދަނީ ޝީޓްޕައިލިން މަސައްކަތެވެ. އަދި ހެންވޭރު ފެރީ ޓާމިނަލް އާއި މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުގެ ކުއޭ ވޯލް ތަޅާލުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ad