logo

ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން ކިޔަވަން އެއްވެސް ލިމިޓެއް ނެތި ލޯނުގެ ފުރުސަތު ހުޅުވާލަން ނިންމައިފި

މުހައްމަދު ސައްމާހް
8 ގަޑިއިރު ކުރިން

ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ޝައުގުވެރިވާ ކުދިންނަށް އެއްވެސް ލިމިޓެއް ނެތި ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށް މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުވަނީ ސަރުކާރުން ލޯނަށް އެދި ހުށައެޅުމުގައި ގެނެސްފައިވާ މުހިއްމު ބަދަލުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

އެގޮތުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލެއްކަމަށް ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ދޫކުރާ ލޯން ސްކީމްގެ މަދުވެގެން 50 އިންސައްތައަކީ ޓެކްނިކަލް ދާއިތަކަށް ދެވޭ ލޯނަށް ހެދުމަށް ނިންމާފައިވާކަމަށެވެ. ޓެކްނިކަލް ނޫން ދާއިރާތަކަށް ދެވޭ ލޯނުގެ ޢަދަދު ވަކި މިންވަރެއްގައި ހިފަހައްޓާ، ޤައުމަށް ބޭނުންވާ މުހިއްމު ޓެކްނިކަލް ދާއިރާތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ފުރުސަތު ހުޅުވާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މަތީތަޢުލީމާއި ތަމްރީނަށް ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުން ދާ ޕުރޮގުރާމު ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ކަމަކާހުރެ ޕްރޮގުރާމު ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީއެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތުވެސް ހިމެނެއެވެ.

އަދި ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާރންޝިޕެއް އޮތްނަމަ، އެ އިންޓަރންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުޞަތުވެސް އެވަނީ ހިމަނާފައެވެ.

ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ލޯނުގައި ހިމައިގެން ލޯނު ދޫކުރާނެ ޤައުމުތަކެއް އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ވަނީ ކަނޑައަޅައި ޕޯޓަލް މެދުވެރިކޮށް އިޢުލާންކޮށްފައެވެ. އެހެންނަމަވެސް، މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތުވަނީ ފަހި ކޮށްދެވިފައިވެއެވެ.

އެ ގޮތުން، ހުރިހާ ޚަރަދެއް ލޯނުގެ ގޮތުގައި ދޭނެކަމަށް އިޢުލާނުކޮށްފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނު ލިބުނު ފަރާތުން އިޚުތިޔާރުކުރާ އިޢުލާންކުރި ޤައުމުގެ ޚަރަދާއި، ކިޔަވަންދާން ބޭނުން ޤައުމުގެ ޚަރަދާއި އަޅާކިޔައި ބެލުމަށްފަހު ދަރިވަރަށް ޚަރަދު ކުޑަކޮށް ކިޔެވޭނެ ގޮތެއްގެ މަތީން، ކިޔަވައި ނިންމުމަށްފަހު އަނބުރައި ފައިސާދެއްކުމުގައި ދަރިވަރަށް ތަކުލީފުކުޑަވާނެ ގޮތަށެވެ.

މި ދިޔަ އަހަރުގެ ލޯނުގެ ފުރުޞަތުތައް އިޢުލާނުކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދަރިވަރުންނަށް ދޫކުރާ ލޯނުތަކަށް ފާއިތުވީ އަހަރުތަކުގައި އިތުރުކުރަމުން ގެންދިޔަ، އެޑްމިނިސްޓްރޭޓިވް ޗާޖު ނުވަތަ ކޮމިޝަން އެއްކޮށް ކަނޑުއްވާލައްވައި، މި ލޯނުތަކަކީ ފުރިހަމައަށް "ޝަރީޢާ ކޮންޕްލައަންޓް" ލޯނުތަކަކަށް ހައްދަވާފައެވެ. އެގޮތުން ދަރިވަރަށް ދޫކުރާ ފައިސާއެއްގެ އިތުރަށް އެންމެ ލާރިއެއްވެސް ދަރިވަރުން އިތުރަށް ދައްކަންނުޖެހޭގޮތް މިހާރު ވަނީ ހަދާފަކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ad