logo

ފައިނަލް ލިސްޓާއެކު އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު 294،876 މީހުންނަށް

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އާންމު ކުރި ވަގުތީ ލިސްޓުގައިވާގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށްފަހު ލިސްޓަށް އައި ބަދަލުތަކާއެކު މިހާރު ވަނީ ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.

އެޕްރީލް 4ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުގައިވާގޮތުން މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު ލިބެނީ 294،876 މީހުންނަށެވެ. މިއީ ވަގުތީ ލިސްޓުގައި ހިމެނި އަދަދަށްވުރެ 61 މީހުންގެ މަދު އަދަދެކެވެ. މި ބަދަލުތައް ގެނެސްފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ލިސްޓުގައިވާގޮތުން މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްގު ލިބެނީ 150،370 ފިރިހެނުންނަށާއި 144،506 އަންހެނުންނަށެވެ.

އަންނަ މަހު ބާއްވާ 3 ވޯޓުގައި ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން، މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ދިވެހިން ދިރިއުޅޭ އެހެން ޤައުމުތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ރަށްތަކުގައި ރަޖިސްޓްރީވާންޖެހޭ އަދަދަށް ވޯޓުލާން މީހުން ރަޖިސްޓްރީނުވެއެވެ. އެހެންވެ، އެ ތަންތަނުގައި މިފަހަރު ވޯޓު ފޮށު ނުބަހައްޓާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ޙައްގު ލިބޭ މީހުން އެ މީހަކު ރަޖިސްޓްރީވެފައިވާ ވޯޓު ފޮށީގެ މައުލޫމާތު ކުރިއާލައި ބެލުމަށްފަހު ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގައި އެންމެ ގިނަ އިން ކެންޑިޑޭޓުން ނެރުނީ ޕީއެންސީންނެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އެމްޑީޕީންނެވެ.

އެ ދުވަހު އޮންނަ ވޯޓުލުމުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓެއް ވެސް ނެގުމަށް ހަމަޖެހިފައިވެއެވެ.

ad