logo

އާރްއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށް 51 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމަށް 51 މިލިޔަން ރުފިޔާގެ ލޯނު މިހާތަނަށް ދޫކޮށްފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 90 ފަރާތަކުން އެދިފައިވާއިރު އޭގެތެރެއިން 45 ފަރާތެއްގެ ހުށަހެޅުން އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި އެ ސިސްޓަމްތައް ގާއިމްކުރުމަށް ޖުމްލަ 51 މިލިއަން ރުފިޔާގެ ލޯނު މިހާތަނަށް ދޫކޮށްފައިވާ ކަމަށް އެ ވުޒާރާ އިން ބުނެއެވެ.

ރައީސް އޮފީހުގައި ބޭއްވިނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ދޯނި ފަހަރުގައި އާރުއެސްޑަބްލިޔު ސިސްޓަމް ގާއިމް ކުރުމުން މަސްވެރިން އައިސް ހޯދަން ކުރާ ހަރަދު ނިމުމަކަށް އަންނާނެ ކަމަށެވެ. އައިސް ހޯދުމަށް ރަށްރަށަށް ދުއްވަން ނުޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މަސްވެރިން އެންމެ ބޮޑު ހޭދައެއް ކުރަނީ ތެލަށް ކަމަށާ މި ސިސްޓަމް ގާއިމް ކުރުމުން މަސްވެރިން ތެލަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަަމަށެވެ.

އާރުއެސްޑަބްލިޔު ސިސްޓަމަކީ، ވަރަށް ޒަމާނީ ސިސްޓަމެއް ކަމަށާއި ދޯނީގައި މި ނިޒާމް ގާއިމް ކުރުމުން އައިސް ހޯދުމަށް ހުރި ދަތިތައް ހައްލުވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ލޯނަށް އެދުމުގެ ފުރުސަތު އިތުރު ލުއިތަކަކާއި އެކު މިހާރު ވަނީ އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. ލޯނަށް އެދުމުގެ ފުރުސަތު އިތުރު ލުއިތަކަކާއި އެކު މިހާރު ވަނީ އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ބަލާ ކުރެޑިޓް ހިސްޓްރީ މިންގަނޑު 1 އަހަރުގެ މުއްދަތަކުން 3 މަސް ދުވަހަށް ވަނީ ކުޑަ ކޮށްފައެވެ. މިހާރު އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށައެޅޭނެއެވެ.

މި މުއްދަތުގެ ތެރޭގައި ނަގާފައިވާ އެއްވެސް ލޯނެއް ނުދައްކާ ނުވަތަ އެއްވެސް އިތުރު މައްސަލައެއް އުޅޭނަމަ އެ ފަރާތެއް އެ ލޯނަށް ޝަރުތު ހަމަނުވާނެއެވެ. މި ލުއިތަކާއި އެކު ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދުން ލޯނުތަކަށް ފައިސާ ދައްކަމުންދާނަމަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމުގެ ފައިނޭންސިންއަށް ޝަރުތު ހަމާވާނެއެވެ.

ad