logo

ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައަށް ބޭނުން ކުރަން ނުދޭނަން: ރައީސް

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައަށް ބޭނުންކުރަން ނުދޭނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކަކި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލެވޭ ގޮތަށް ހަމަލާތައް ދެވިގެން ނުވާނެ ކަމަށާއި އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމެރިކާއި ސަރުކާރުގެ މަންދޫބަކު ރާއްޖެ ވަޑައިގެންފައިވާ ވާހަކާއި ގުޅިގެން ރައީސް ވިދާޅުވީ ރާއްޖެއަށް ފައިދާވާނެ ކޮންމެ ކަމެއްގައި އީސްރާއީލު ފިޔަވައި އެހެން ހުރިހާ ގައުމަކާވެސް ރާއްޖޭން ގުޅުން ބަދަހިކުރާނެ ކަމަށެވެ. އަދި އެމެރިކާ ސަރުކާރުގެ މަންދޫބަކު ރާއްޖެއަށް ވަޑައިގަތުމަށް އެމެރިކާ ސަރުކާރުން، އެދިވަޑައިގެންފިކަމަށްވާނަމަ އެ ފުރުސަތު ރާއްޖެއިން ނުދިނުމަކީ ވަރަށް އައިބު ކަމެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެ ގައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ވާހަކަތައް އަޑުއައްސަވާނެ ކަމަށާއި ނަމަވެސް ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް ނުވަތަ އެއްވެސް ގައުމެއްގެ މިލިޓަރީ ބޭނުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުން އަންނަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު ހަމަލާތަކެއް ކަމަށެވެ. އަދި މުސްލިމް އެއްވެސް ގައުމަކަށް ދޭ އެއްވެސް ހަމަލާއެއް ސަރުކާރުން ބަލައި ނުގަންނާނެ ކަމަށާއި މިހާރު ހިނގަމުންދާ ހަމަލާއާ ރާއްޖޭން ކަނޑައެޅިގެން ދެކޮޅުހައްދަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައްދަލުކުރެއްވުމަށްފަހުގައި އެ ބޭފުޅާ ދެއްކެވި ވާހަކަ ހާމަކުރައްވާނެ ކަމަށެވެ. ރާއްޖޭގެ ޖަވާބު ވަރަށް ސާފުވާނެ ކަމަށާއި ރާއްޖެއިން އިސްލާމީ ގައުމާއި ދެކޮޅަށް ހަމަލާއެއް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ad