logo

ވީއައިއޭގެ އައު ޓާމިނަލުގެ ސީޕްލޭން ކައުންޓަރުން ހިދުމަތް ދޭން ފަށައިފި

އާމިނަތު މޫސާ
21 ދުވަސް ކުރިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލްގެ ސީޕްލޭން ކައުންޓަރުން ހިދުމަތް ދޭން ފަށައިފި އެވެ.

އައު ޓާމިނަލުގައި އެ ޗެކް-އިން ކައުންޓަރުތައް ހަދާފައިވަނީ ޓާމިނަލްގެ ގޭޓް 4ގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. ރާއްޖޭގެ ރީތިކަން ފެނިގެންދާ ގޮތަށް ޑިޒައިންކޮށްފައިވާ މިތަނުގައި ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރުހަދާފައިވެއެވެ.

މިއީ، ޓާމިނަލް 2ގެ ސީޕްލޭން ޗެކް-އިން ސަރަޙައްދާއި ޚިލާފަށް މުޅިތަން އެއަރ ކޮންޑިޝަން ކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް އަދި ފަސިންޖަރުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ހަދާފައިވާ ސަރަޙައްދެކެވެ. އޭގެ އިތުރުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ސަރަޙައްދަށް ވެހިކަލް ކައިރި ކުރުމަށް އިތުރު ސްލޮޓްތަކެއް ވަނީ ކަނޑައަޅައިފައެވެ. ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު ބޭރުގައި 9 ފަސިންޖާ ބަސް ސްލޮޓް, ލަގޭޖް ވެހިކަލްތަކަށް 10 ސްލޮޓް އަދި ސްޓޭންޑުބައި ވެހިކަލްތަކަށް 11 ސްލޮޓް ކަނޑައަޅާފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ދުނިޔޭގެ އެންމެ ވަރުގަދައަށް ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ ރާއްޖޭގައި ސީޕްލޭން ކައުންޓަރުތައް މީގެ ކުރިން ގާއިމްކޮށްފައި ވަނީ ވެލާނާ އެއާޕޯޓްގެ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްގައެވެ.

މިހާރު ރާއްޖެ އަންނަ ބައިނަލްއަގްވާމީ ހުރިހާ އެއާލައިނެއް އާ ޓާމިނަލްއަށް ބަދަލުކޮށްފައިވާއިރު، ސީޕްލޭން ކައުންޓަރު އާ ޓާމިނަލްއަށް ބަދަލު ކުރުމުން، ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އައު ޓާމިނަލްގައި ގާއިމްކޮށްފައިވާ ސީޕްލޭން ކައުންޓަރު ހިމެނޭ ސަރަހައްދަކީ ޖާގަ ތަނަވަސް، އަދި ފަސޭހައިން ދަތުރުވެރިންނަށް ތިބެވޭނެ ގޮތަށް ފަރުމޮށްފައިވާ ޓާމިނަލްއެކެވެ.

އާ ޓާމިނަލިން މިހާރު ދަނީ 41 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އަދި މިހާތަނަށް 600,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ.

ad