logo

ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފިއެވެ.

ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރީ މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެނގުމާ ގުޅިގެންނެވެ.

އެމްއެންޑީއެފުން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަންދެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމު އަދި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅު ހާލަތެއްގައިތޯ ޗެކްކުރުމަށް އެމްއެންޑީއެފްއިން ވަނީ އިރުޝާދު ދެއްވާފައެވެ.

މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، މުދާ ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް ވަނީ އަންގާފައެވެ. ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެދިފައިވާއިރު، ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފްއިން ވަނީ ހަރުކަށިކޮށް، އިލްތިމާސްކުރައްވާފައެވެ.
މެޓު އޮފީހުންވަނީ ވައިގަދަވާނެކަމަށް ލަފާކޮށް، ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ހުދު ސަމާލު ނެރެފައެވެ. އެގޮތުން ހެނދުނު 10 އިން ފެށިގެން ހަވީރު 16:00 އަށްވަނީ ހުދު ސަމާލު ނެރެފައެވެ. މިގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށްވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން ބުނެއެވެ.
މޫސުމީ ވިއްސާރައިގައި ލިބޭ ގެއްލުން ކުޑަކުރުމަށް އަދި ރައްކާތެރިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ދަށުން އަމަލުކުރުމަކީ މުހިއްމުކަމެކެވެ.

ad